ބޭރުދުނިޔެ ބޭރުގެ އެހީ ބޭނުންނުވާ ކަމަށް ނޭޕާލުން ބުނެފައި ވަނިކޮށް، އެހީ ފޯރުކޮށްދޭން އިންޑިއާއިން ތައްޔާރުވެއްޖެ

ބޭރުގެ އެހީ ބޭނުންނުވާ ކަމަށް ނޭޕާލުން ބުނެފައި ވަނިކޮށް، އެހީ ފޯރުކޮށްދޭން އިންޑިއާއިން ތައްޔާރުވެއްޖެ

ބޭރުގެ އެހީ ބޭނުންނުވާ ކަމަށް ނޭޕާލުން ބުނެފައި ވަނިކޮށް، އެހީ ފޯރުކޮށްދޭން އިންޑިއާއިން ތައްޔާރުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތަކުގައި 552 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް، ހާލުގައި ޖެހިފައިވާ މީހުން ހޯދައި ސަލާމަތްކުރުމަށް އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް) ގެ ޓީމުތައް ފޮނުވަން އިންޑިއާ ސަރުކާރުން ހުށަހަޅައިފިއެވެ.

މި ކާރިސާގައި 1,400 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި އެތައް ސަތޭކަ ބޭރު ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނެއެވެ. މި ހާދިސާގެ ސަބަބުން އެތައް އަވަށެއް އެއްކޮށް ދޮވެވި، މަގުތަކާއި ފާލަންތަކުގެ އިތުރުން މައިގަނޑު ހައިޑްރޯޕަވަރު އިންފްރާސްޓްރަކްޗާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ބުނި ގޮތުގައި، ނޭޕާލް ސަރުކާރުގެ އެދުމުގެ މަތިން މެޑިކަލް އެހީތެރިކަމާއި، އިންޖިނިއަރިން ޓީމުތަކާއި، ގެއްލުން ލިބިފައިވާ އުމްރާނީ ވަސީލަތްތައް މަރާމާތު ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ހިމެނޭހެން އިތުރު އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިންޑިއާގެ އެމްއީއޭގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އެހީގެ ސާމާނު ހިފައިގެން ދެ ފްލައިޓް މިހާރު ވެސް ނޭޕާލަށް ފޮނުވާފައިވާ ކަމަށާއި، ތިންވަނަ ފްލައިޓެއް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ނޭޕާލުން އެދިފައިވާތީ ޓަނަލް ރެސްކިއު ޓީމެއް ފޮނުވުމަށްޓަކައި، ބޭނުންވާނެ ސާމާނު ދެނެގަތުމަށް ރެކީ ޓީމެއް އެންމެ ފުރަތަމަ ފޮނުވަމުންދާ ކަމަށާއި، މީގެ އިތުރުން މެޑިކަލް ޓީމަކާއި މަގުތައް އަލުން ގުޅާލުމަށް ބޭލީ ބްރިޖްތަކާއި ފަންނީ ޓީމުތައް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި އެހީތެރިވުމަށް އެންޑީއާރުއެފްގެ ޓީމުތައް ފޮނުވުމަށް އިންޑިއާއިން ވަކިން ހުށަހަޅާފައިވާއިރު، އެކަމާ މެދު ނޭޕާލް ސަރުކާރުގެ ޖަވާބަކަށް އިންޑިއާއިން އިންތިޒާރު ކުރަމުންދާ ކަމަށް ވެސް ޖައިސްވާލް ފާހަގަކުރެއްވިއެވެ.

އިންޑިއާގެ މި ބަޔާން އައިސްފައިވަނީ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ގައުމުގެ އަމިއްލަ ސަލާމަތީ ބާރުތަކުން ކަމަށް ބުނެ، ބޭރުގެ އެހީ މި ވަގުތަށް ބޭނުންނުވާ ކަމަށް ނޭޕާލުން ބުނިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.

ނޭޕާލްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޮކް ބަހާދުރް ޗެތުރީ ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅުމަކީ އާންމު ކަމެއް ކަމަށާއި، ނަމަވެސް އެ ގައުމުގެ ސަލާމަތީ ފައުޖުތަކުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ފުރިހަމައަށް ހިންގަމުންދާތީ މި ވަގުތު އެފަދަ ބޭރުގެ އެހީތެރިކަމެއް ބޭނުންނުވާ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ އެހީ އެއްކޮށް ދޫކޮށްލުން ނޫން ކަމަށާއި، ޚާއްސަ ދާއިރާތަކަކުން ފަންނީ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ކާރިސާއާ ގުޅިގެން އެހީގެ ޓީމުތައް ފޮނުވުމަށް އިންޑިއާގެ އިތުރުން ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ދެކުނު ކޮރެއާ، ސްރީލަންކާ އަދި ބަންގްލަދޭޝް އިން ވެސް ވަނީ ނޭޕާލަށް ހުށަހަޅާފައެވެ.

ޓެގް

ނޭޕާލް އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.