އަދަބު ދިނުމާއި ތަރުބިއްޔަތު ކުރުމުގެ ނަމުގައި އެއްވެސް ކުއްޖަކަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސްކޫލްތަކުގައި ޖިސްމާނީ އަދަބު ދިނުމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް އިންޑިއާގެ އަންދްރަ ޕްރަދޭޝް ސަރުކާރުން ބުނެފިއެވެ.
އެ ސްޓޭޓުގެ އެޑިއުކޭޝަން އަދި އައިޓީ މިނިސްޓަރު ނާރާ ލޮކޭޝް މިހެން ވިދާޅުވީ، ވިސާކަޕަޓްނަމްގެ ސްކޫލެއްގައި ޓީޗަރަކު ޖެހި އެތިފަހަރަކުން 6 އަހަރުގެ ފިރިހެން ކުއްޖަކު ހޭނެތިގެން ވެއްޓި މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ، މިކަމުގައި އިހުމާލުވި އެންމެހާ ފަރާތްތަކާއި ސްކޫލް މެނޭޖްމަންޓާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށާއި، މި މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލަން އަމުރުކުރައްވާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ގޮތުގެ ސީސީޓީވީ ވީޑިއޯ ފުޓޭޖް ވަނީ ސޯޝަލް މީޑިއާގައްޔާއި މީޑިއާތަކުގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ކްލާސްރޫމެއްގެ ތެރޭގައި އަންހެން ޓީޗަރަކު އެ ކުއްޖާގެ ހެދުމުގައި ހިފަހައްޓައިގެން ހުރެ، މޫނުމަތީގައި ބާރަށް ޖަހާ މަންޒަރާއި، އެއާއެކު އެ ކުއްޖާ ވަގުތުން ބިންމައްޗަށް ދެމިގެންދާ މަންޒަރެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޕްރަނޭ ތޭޖް ކިޔާ ކުއްޖެކެވެ. ކުއްޖާގެ ބައްޕަ މީޑިއާތަކަށް ބުނެފައިވަނީ، ހެނދުނު 8 ޖެހިއިރު ހޭލައިގެން ސްކޫލަށް ދާން އަމިއްލައަށް އެދިގެން ދިޔައިރުވެސް ދަރިފުޅުގެ ހަށިގަނޑުގައި އެއްވެސް ބައްޔެއް ނެތް ކަމަށެވެ. ކުއްޖާ މަރުވި ޚަބަރާއެކު އާއިލާގެ މީހުން ހޮސްޕިޓަލް ދޮށަށް އެއްވެ، މި އަނިޔާވެރި އަމަލަށް އިންސާފު ހޯދައިދިނުމަށް ވަނީ އެދިފައެވެ.
ފުލުހުންގެ އިންސްޕެކްޓަރު ޕޫޑީ ވަރާ ޕްރަސާދު ވިދާޅުވީ، ކުއްޖާގެ ބައްޕަ ހުށަހެޅި ޝަކުވާއަކާ ގުޅިގެން ބީއެންއެސްއެސްގެ 194 ވަނަ މާއްދާގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ނިންމުމަށްފަހު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި، ކުއްޖާ މަރުވި ސީދާ ސަބަބު ދެނެގަނެވޭނީ ލިބެންޖެހޭ ހުރިހާ ރިޕޯޓްތަކެއް ފުރިހަމަވުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަންދްރަ ޕްރަދޭޝްގެ ވެރިކަންކުރާ ޓެލުގޫ ދޭސަމް ޕާޓީ (ޓީޑީޕީ) ގެ ސްޓޭޓް ރައީސް ޕައްލާ ސްރީނިވާސާ ރާއޯ ވިދާޅުވީ، މި މައްސަލައިގައި ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، އެޑިއުކޭޝަން މިނިސްޓަރު އެކުލަވާލެއްވި ކޮމިޓީގެ ރިޕޯޓް ލިބުމުން ކުށްވެރިންނާމެދު ޝަރީއަތުގެ މަގުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އިންޑިއާގެ ސްކޫލްތަކުގައި ކުދިންނަށް ޖިސްމާނީ އަދަބު ދިނުމަކީ ގާނޫނީ ގޮތުން މުޅިން މަނާ ކަމެއް ނަމަވެސް، 2018 ވަނަ އަހަރު އަގްރާސާރު ޖަމިއްޔާއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އެ ގައުމުގެ ފަގީރު އާއިލާތަކަށް ނިސްބަތްވާ ސްކޫލް ކުދިންގެ 80 އިންސައްތަ ކުދިންނަކީ ޓީޗަރުންގެ ފަރާތުން ޖިސްމާނީ އަނިޔާތަކާ ކުރިމަތިލާންޖެހޭ ކުދިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...