މައްކާގައި ބޭއްވި ކިންގް އަބްދުލްއަޒީޒް ބައިނަލްއަގްވާމީ ގުރުއާން މުބާރާތުން ދިވެހިރާއްޖޭގެ ފާތިމަތު ޝާޔާ ޒާހިރަށް ހަތަރުވަނަ ލިބިއްޖެއެވެ. ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޝާޔާ މި މަގާމު ހޯދާފައިވަނީ މުޅި ގުރުއާން ހިތުން ކިޔެވުމުގެ ބައިންނެވެ.
ހަތަރުވަނަ ހޯދުމުން ޝާޔާއަށް 170،000 ސައުދީ ރިޔާލް ވަނީ އިނާމަކަށް ލިބިފައެވެ. އެއީ ދިވެހި ފައިސާއިން 699،262 ރުފިޔާއެވެ.
ވަނަތައް ހޮވުމަށް ރޭ ބޭއްވި ހަފުލާގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޝާޔާ މި ހޯދި ވަނައަކީ މުޅި ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށެވެ. އަދި 46 އަހަރު ވަންދެން މި މުބާރާތް ބާއްވަމުން އައި ނަމަވެސް އަންހެން ކުދިން ވާދަކުރި ފުރަތަމަ ފަހަރު މިއީ ކަމަށް ވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
މި އަހަރުގެ މުބާރާތުގައި 133 ގައުމަކުން 334 ބައިވެރިން ބައިވެރިވެފައިވާއިރު، އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ. އެ ހަފުލާގައި ސައުދީ އިސްލާމިކް މިނިސްޓަރު ޝައިހް ޑރ. އަބްދުއްލަތީފް އާލް ޝައިހް އާއި ހަރަމްފުޅުގެ އިމާމު ޝައިހް ޑރ. އަބްދުއްރަހުމާން އައްސުދައިސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނުވަ އަހަރުގައި ގުރުއާން ހިތުދަސްކޮށްފައިވާ ޝާޔާ ވަނީ މީގެ ކުރިންވެސް ބޭރުގެ މުބާރާތްތަކުން މަތީ ވަނަތައް ހޯދާފައެވެ. އެގޮތުން 2023 ވަނަ އަހަރު މިސްރުގައި ބޭއްވި މުބާރާތުން ދެވަނަ ހޯދާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...