ސިލޯން ބޭންކްގެ މާލޭ ބްރާންޗުގައި އޮތް ދިވެހި އަންހެން ކަސްޓަމަރެއްގެ އެކައުންޓުން އޭނާއަށް ނޭނގި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރު މ. މާހިންނެ، ޙަސަން ވަޙީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2019 ވަނަ އަހަރުން ފެށިގެން ކޯޓުގައި ހިނގަމުންދިޔަ މި މައްސަލައިގައި ދައުލަތުން އުފުލި އެނގިހުރެ ސައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ.
ގާޟީ ޢަލީ ނަދީމް އިއްވެވި ހުކުމުގައިވާ ގޮތުން:
* އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް: 2 އަހަރާއި 9 މަހާއި 11 ދުވަހުގެ ޖަލު ހުކުމަކާއެކު 144،000 ރުފިޔާއިން ޖޫރިމަނާކުރުން.
* ސައްހަނޫން ލިޔުން އުފެއްދުމުގެ ކުށަށް: 6 މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާއެކު 18،000 ރުފިޔާއިން ޖޫރިމަނާކުރުން.
ޝަރީއަތުގެ ނިންމެވުމުން އެނގޭ ގޮތުގައި، 9 ޖޫން 2019 ގައި ޙަސަން ވަޙީދު ވަނީ ބީއޯސީގެ އަންހެން ކަސްޓަމަރެއްގެ އެކައުންޓުން 150،000 ޑޮލަރު ޓްރާންސްފާ ކުރުމަށް އަމިއްލައަށް ސައްހަނޫން ޓްރާންސްފާ ރިކުއެސްޓެއް އުފައްދާފައެވެ. އަދި ބޭންކުގެ މުވައްޒަފަކު މެދުވެރިކޮށް އެ ފައިސާ އަބްދުﷲ ނަފީޤް ޕާޝާގެ އެކައުންޓަށް ބަދަލުކުރުމަށްފަހު، އެންމެ 5 މިނެޓު ތެރޭގައި "ސީނިއާ އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ގެ އެކައުންޓަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ޖުލައި މަހުވެސް ހަމަ މި ގޮތަށް އެ އެކައުންޓުން 110،000 ޑޮލަރު ނަގާފައިވާކަން އޯޑިޓް ރިޕޯޓުން އެނގެއެވެ.
މި މައްސަލައިގައި ކުށް ސާބިތުކުރުމަށް ފޮރެންސިކް ތަހުލީލުތަކާއި ސީސީޓީވީ ފުޓޭޖް ބޭނުންކޮށްފައިވެއެވެ. ޙަސަން ވަޙީދުގެ ކޮމްޕިއުޓަރު ސީޕީޔޫއިން ސައްހަނޫން ޓްރާންސްފާ ރިކުއެސްޓުގެ ވޯޑް ފައިލް ފެނިފައިވާއިރު، އެ ފައިލް ޕްރިންޓުވި ވަގުތާއި ސީސީޓީވީ ފުޓޭޖުން އޭނާ ކަރުދާސްގަނޑު ނެގި ވަގުތު ދިމާވެއެވެ. އަދި އޭނާގެ ކެބިން ތެރެއިން އެ އަންހެން މީހާގެ ސޮއި ފަރިތަކޮށްފައިވާ ކަރުދާސްކޮޅުތަކެއް ފެނިފައިވާއިރު، ފޮރެންސިކް ބެލުމުން އެއީ އޮޅުވާލައިގެން ކޮށްފައިވާ ފޯޖް ސޮޔެއްކަން ވަނީ ކަށަވަރުވެފައެވެ.
މާލީ މަންފާއަށް ބަލާއިރު، ސީނިއާ އިންޓާނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒައިނަލް ޢާރިފަކީ ޙަސަން ވަޙީދުގެ ގާތް އެކުވެރިޔާއެވެ. އަދި 2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ސީނިއާ އިންޓަރނޭޝަނަލް އިން ކޮންމެ މަހަކު 52،500 ރުފިޔާ ޙަސަން ވަޙީދުގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...