ދީން

ދަރީން ނަމާދަށް އަހުލުވެރިނުކުރާނަމަ ދިރިއުޅުމުގެ އުފާވެރިކަން ގެއްލޭނެ: ހުކުރު ޚުތުބާ

މިއަދުގެ ހުކުރު ޚުތުބާގައި ދަރީން ނަމާދަށް އަހުލުވެރިކުރުވުމުގެ މުހިންމުކަމާއި، މިކަމަށް އިހުމާލުވެއްޖެނަމަ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، އާޚިރަތުގައި ބޮޑު ހިތާމައަކާ ކުރިމަތިލާންޖެހޭނެކަމަށް ބަޔާންކުރައްވައިފިއެވެ. “ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން” މި މައުޟޫއަށް ދެއްވި ޚުތުބާގައި ނަމާދަކީ ދީނުގެ ތަނބު ކަމަށާއި، ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަޅުކަން ކަމަށް ހަނދާންކޮށްދެއްވިއެވެ.

ޚުތުބާގައި ބަޔާންކުރެއްވި ގޮތުގައި، އިންސާނުން އުފެއްދެވުމުގެ އެންމެ ބޮޑު މަޤުޞަދަކީ މާތް ﷲ އަށް އަޅުކަން ކުރުމެވެ. މި މަޤުޞަދު އެންމެ ފުރިހަމައަށް ހާސިލުކޮށްދޭ އަޅުކަމަކީ ދީނުގެ ތަނބު ކަމުގައިވާ ފަރުޟު ފަސް ނަމާދު ކަމަށާއި، ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ވެސް ނަމާދާ މެދުގައި ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރީންނަކީ މާތް ﷲ ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި، މި އަމާނާތަށް ރައްކާތެރިވުމަކީ ކޮންމެ މައިންބަފައިންގެ މައްޗަށް ވާޖިބު ކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، މިކަމުގައި އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެ ކަމަށް ޚުތުބާގައި ވަނީ އިންޒާރު ދެއްވާފައެވެ. މިކަމުގައި އިހުމާލުވާ މައިންބަފައިންނަށް ދިރިއުޅުމުގެ އުފާވެރިކަން ގެއްލުމުގެ އިތުރުން، އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ޚުތުބާގައި ބަޔާންކުރައްވާފައިވެއެވެ. ދަރީންނަށް ދީނީ ތަރުބިއްޔަތު ދިނުމަކީ އެމީހުންގެ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި އެޅޭނެ މުހިއްމު ބިންގަލެކެވެ.

ދަރީން ނަމާދަށް އަހުލުވެރިކުރުވުމަށްޓަކައި އެޅޭނެ އެންމެ ފުރަތަމަ ބިންގަލަކީ ދީންވެރި ތަޤުވާވެރި މައެއް އިޚުތިޔާރުކުރުން ކަމަށް ޚުތުބާގައި ފާހަގަކުރައްވައެވެ. ދެވަނަ ކަމަކީ ހެޔޮލަފާ ޞާލިޙު ދަރީން ދެއްވުމަށް އެދި މާތް ﷲގެ ހަޟުރަތުން ދުޢާކުރުން ކަމަށް ވެސް ބުނެފައިވެއެވެ. މިގޮތުން، އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިފަސްކޮޅަށްޓަކައި ކުރެއްވި ދުޢާގެ މިސާލު ވެސް ވަނީ ގެނެސްދީފައެވެ.

މީގެ އިތުރުން، މިއަދުގެ މުޖުތަމަޢުގައި ފެންނަމުންދާ ހިތާމަވެރި ބައެއް އާދަތަކަށް ވެސް ޚުތުބާގައި އަލިއަޅުވާލާފައިވެއެވެ. ނަމާދު ވަގުތުތަކަށް ސަމާލުކަން ދިނުމެއް ނެތި، ކުޅިވަރު ހަރަކާތްތަކާއި އެކި ޕްރޮގްރާމްތަކުގައި ކުދީން މަޝްޣޫލުކުރުވާކަން ޚުތުބާގައި ފާހަގަކުރިއެވެ. “ނަމާދަށް ބަންގިގޮވޭ އިރު މައިންބަފައިން ވެސް، ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާ،” ޚުތުބާގައި އައިސްފައިވެއެވެ.

ޚުތުބާ ނިންމާލަމުން، މިހާރު ހިނގަމުންދާ ރަޖަބު މަހަކީ ހެޔޮކަންތައް އިތުރުކޮށް، ނުބައިކަންތަކުން ދުރުވެގަތުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި މަހުގެ ވަކި ދުވަހެއްގައި ޚާއްޞަ ރޯދައެއް ނުވަތަ ނަމާދެއް ކުރުމެއް ނެތްކަން ވެސް ޚުތުބާގައި ވަނީ ސާފުކޮށްދީފައެވެ. މިއީ މުސްލިމުންނަށް އިސްލާމީ އަގީދާގެ މައްޗަށް ހެޔޮގޮތުގައި ދެމިތިބުމަށް ދެވުނު މުހިންމު ނަސޭހަތެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close