ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް ގޮވާލައި މިއަދުގެ ހުކުރު ޚުތުބާގައި ނަސޭޙަތް ދީފި

މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި ދެވުނު ހުކުރު ޚުތުބާގައި، ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި އެ ދުވަހަށް ތައްޔާރުވުމަށް މުސްލިމުންނަށް ގޮވާލައި ނަސޭޙަތްދީފިއެވެ. “މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް” މި މައުޟޫއަށް ދެއްވި ޚުތުބާގައި ބުނެފައިވަނީ، ޤުރުއާނާއި ސުންނަތުގައި ޤިޔާމަތް ދުވަހުގެ ވާހަކަ އައިސްފައިވަނީ ދުނިޔަވީ ދަޅަގަނޑަށް ނުހެއްލި ތަޤުވާވެރިވުމަށް އިބުރަތް ލިބިގަތުމަށް ކަމުގައެވެ.
ޚުތުބާގައި ބަޔާންކުރެއްވި ގޮތުގައި، ދުނިޔޭގެ ދިރިއުޅުމަކީ ދާއިމީ ނޫން، ފަނާވެގެންދާނެ ދިރިއުޅުމެކެވެ. ކޮންމެ އިންސާނަކަށްވެސް މަރުގެ ވަގުތު ޖެހޭނެއެވެ. އަދި އިންސާނުން ދުނިޔެއަށް ފޮނުއްވީ ބޭކާރު ގޮތަކު ނޫންކަމަށާއި، މާތް ﷲގެ ހަޟުރަތުގައި އެންމެންނަށް ހިސާބު ކުރެވޭނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ޚުތުބާގައި ބަޔާންކުރެވުނު ގޮތުގައި، އާޚިރަތް ދުވަހުގެ އިމްތިޙާނަކީ ދުނިޔަވީ އިމްތިޙާނަށްވުރެ ބޮޑު، އަދި ދެވަނަ ފުރުޞަތެއް ނުލިބޭނެ އިމްތިޙާނެކެވެ. އެ ދުވަހު މުއްސަނދިންނާއި ފަޤީރުން، ވެރިންނާއި ރައްޔިތުން، އަދި އަންހެނުންނާއި ފިރިހެނުންވެސް ހަމަހަމަވެގެންވާ ގޮތެއްގައި މާތް ﷲގެ ހަޟުރަތުގައި ހިސާބުކުރެވޭނެއެވެ. އަދި އެ ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން، އެކަކު އަނެކަކަށް އެހީތެރިވެދޭނެ މީހަކު ނުހުންނާނެކަމަށާއި، ކޮންމެ މީހަކުވެސް އަމިއްލަ ނަފުސުގެ ސަލާމަތަށް މަސައްކަތްކުރާނެ ކަމަށް ޚުތުބާގައި ފާހަގަކުރެވުނެވެ.
ޚުތުބާގައި ހަނދާންކޮށްދެއްވީ، މަޙުޝަރުގެ މައިދާނުގައި ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި އިންސާނުން ތިބެންޖެހޭނެ ކަމަށެވެ. ނަމަވެސް، ރަސޫލާގެ ޙަދީޘްފުޅުތަކާ ހަވާލާދީ ޚުތުބާގައި ބަޔާންކުރެއްވީ، ތަޤުވާވެރި މުއުމިނުންނަށް އެ ދުވަސް ވެގެންދާނީ މެންދުރު ނަމާދާއި ޢަޞުރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއް ފަދަ ކުރު ވަގުތުކޮޅަކަށް ކަމުގައެވެ.
މާތް ﷲއަށް އުރެދޭ މީހުންނަށް އެ ދުވަހަކީ ދަތިކަމާއި ހިތާމަވެރި ދުވަހަކަށް ވާނެކަމަށް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ބައެއް މީސްތަކުން އެމީހުންގެ ދަލުގެ ތެރޭގައި ކަންފަތާއި ހަމައަށް ގެނބިފައި ތިބޭނެކަމުގެ ބިރުވެރި މަންޒަރުވެސް ޚުތުބާގައި ސިފަކޮށްދެއްވިއެވެ.
ޚުތުބާ ނިންމަވާލައްވަމުން، ޤިޔާމަތް ދުވަހަކީ އެންމެހައި އިންސާނުން އަލުން ދިރުއްވައި މަޙުޝަރު ކުރައްވައި، ޢަދުލު އިންސާފުން ނިޔާ ކަނޑައެޅޭނެ ދުވަސްކަން ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، ދުނިޔަވީ ދަޅަގަނޑަށް ނުހެއްލި، އެ ދުވަހަށްޓަކައި ހެޔޮ ޢަމަލުތައް ގިނަކޮށް، ތަޤުވާވެރިވުމަށް ވަނީ ބާރު އަޅުއްވާފައެވެ.


