ޚަބަރު

މީރާގެ އައު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ)ގެ އައު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ.

އާ ފަންކްޝަން ތަކާއެކު މިޚިދުމަތް ތަޢާރަފްކޮށްފައިވާއިރު، މީރާއިން ބުނީ އަލަށް ގެނައި ބަދަލުތަކުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހައިން ޓެކުހާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ޓެކުހާ ގުޅޭ އިންތިޒާމުތައް ފުރިހަމަކުރުމުގައި ފަސޭހަ ގޮތްތައް ހަމަޖެހިގެން ދާނެކަމަށެވެ.

މީރާގެ އައު ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވައިފައިވަނީ، މިއަދު މެންދުރުފަހު މީރާގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އަދި މީރާގެ ބޯޑުގެ ޗެއަރޕަރސަން، އަޙްމަދު ސަރުވަޝް އާދަމްއެވެ.

މީރާގެ ވެބްސައިޓުގައި ހިމެނޭ އައު ކަންތައްތަކަށް ބަލައިލާއިރު، މީރާއަށް ހުށަހަޅާ ހުރިހާ ފޯމެއް ވެބްސައިޓް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު މިހާރު ހުށަހެޅޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. މީރާގެ އައު ވެބްސައިޓުގައި ‘ލައިވް ޗެޓް’ ފަންކްޝަން ވެސް ވަނީ ތައާރަފްކޮށްފައެވެ. އަދި، ޓެކުހާ ގުޅޭ މުހިންމު މައުލޫމާތު ފަސޭހައިން ލިބޭނެ އިންޓަރއެކްޓިވް ގައިޑްތައް މީރާއިން ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ވެސް، ޓެކްސްގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، މީރާއިން ޝާއިރުކުރާ ތަފާސް ހިސާބުތަކާއި އަދި އެހެނިހެން މުހިންމު ޚަބަރުތައް ފަސޭހައިން ހޯދޭނެ ގޮތަށް މި ވެބްސައިޓް ފަރުމާކޮށްފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާގެ އައު މޮބައިލް އެޕްލިކޭޝަނަށް ބަލައިލާއިރު، ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ބޭނުންކުރާ މީރާގެ އޮންލައިން ޕޯޓަލް ‘މީރާކަނެކްޓް’ އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ޓެކުހާއި ފީ ބަލައިގަންނަ އޮންލައިން ޕޯޓަލް ‘ވާރުޕޭ’ ގެ ގިނަ ޚިދުމަތްތައް ވެސް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

އަދި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓެކުހުގެ މުހިންމުގެ ސުންގަޑިތައް ދެނެގަނެ، ފޯނުގެ ކަލަންޑަރަށް ރިމައިންޑަރ ލެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، މީރާގެ ކައުންޓަރުތަކުން ޚިދުމަތް ހޯދުމަށް ޓޯކަން ނަންބަރު ނަގައި، ކިއު ތަރުތީބު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ބަލައިލެވޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ޓެކުހާ ގުޅޭ މައުލޫމާތު ހޯދުމަށް އެޕޮއިންޓްމަންޓަށް އެދުމާއި މައުލޫމާތު ސެޝަންތައް ބޭއްވުމަށް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާގެ މޮބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭނެކަމަށް މީރާއިން ހާމަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close