ދީން

ހުކުރު ނަމާދުގައިވަނީ ކިތައް ރަވާތިބު ސުންނަތްތޯއެވެ؟

ހުކުރުދުވަސް ފިޔަވައި އެހެންދުވަސްދުވަހު މެންދުރު ނަމާދު ބަންގިއަށް ފަހު ކުރާ ރަވާތިބު ސުންނަތް ހުކުރުދުވަހުގެ މެންދުރު ނަމާދަށް ފަހު ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި އަދި ހުކުރު ނަމާދުގައިވަނީ ކިތައް ރަވާތިބު ސުންނަތްތޯއެވެ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

📚 ހުކުރުގެ ޖަމާޢަތަށް ޙާޟިރުވެއްޖެ މީހަކު އެދުވަހުގެ މެންދުރު ނަމާދު ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ހުކުރުގެ ޖަމާޢަތުގައި ބައިވެރިނުވެވިއްޖެ މީހަކު އެދުވަހުގެ މެންދުރުނަމާދު ކުރަންޖެހޭނެއެވެ.

📚 ހުކުރުގެ ކުރިން ސުންނަތް ނަމާދެއް ނުވެއެވެ. ސަބަބަކީ ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގަނޑުވަރުން ނިކުމެ ވަޑައިގަތުމާއި އެކުގައި މެންބަރަށް އަރައިވަޑައިގަތުމުން ބިލާލުގެފާނު ބަންގި ގޮވާލައްވައެވެ. އަދި ބަންގި ނިމުމުން ޚުޠުބާ ފައްޓަވައެވެ. ވީމާ، މިދެމެދުގައި ސުންނަތް ނަމާދެއް ކުރުމުގެ ވަގުތެއް ފުރުޞަތެއް ނެތެވެ.

📚 ހުކުރުގެ ފަހުން ކުރާނީ ކިތައް ރަކްޢަތް ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަ ހުއްޓެވެ. ސަބަބަކީ ދެކޮޅަށްވެސް ޞައްޙަ ހަދީޘް ތައް ހުރުމެވެ.

📚 ފުރަތަމަ ގައުލު: ހުކުރު ފަހުން ކުރާނީ ދެރަކްޢަތް ކަމަށް ވިދާޅުވުން.

ދަލީލަކީ: عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم (كَانَ لاَ يُصَلِّى بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ ، فَيُصَلِّى رَكْعَتَيْنِ) . رواه البخاري (937) ، ومسلم (882 .
މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުކުރުނަމާދުން އަވަދިވެ ވަޑައިގެން ގަނޑުވަރަށް ވަޑައިގެންފައި މެނުވީ ނަމާދެއް ނުކުރައްވައެވެ. އެކަލޭގެފާނު ކުރައްވަނީ ދެރަކްޢަތެވެ”.

📚 ދެވަނަ ގައުލު: ހުކުރު ފަހުން ކުރާނީ ހަތަރު ރަކްޢަތް ކަމަށް ވިދާޅުވުން.

ދަލީލަކީ: عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ( إِذَا صَلَّى أَحَدُكُمْ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا ) . رواه مسلم (881) .
މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ހުކުރު ނަމާދުގެ ފަހުން ހަތަރު ރަކްޢަތް ކުރާ ހުށިކަމެވެ”.

📚 ތިންވަނަ ގައުލު: ދެރަކްޢަތް ކުރުމާއި ހަތަރު ރަކްޢަތް ކުރުމާއި ދެމެދު އެމީހަކު ބޭނުން ވަރެއް އިޚްތިޔާރު ކުރުން. ބޭނުންނަމަ ދެރަކްޢަތް ނޫން ނަމަ ހަތަރު ރަކްޢަތް ކުރުން.

📚 ހަތަރުވަނަ ގައުލު: މިސްކިތުގައި ސުންނަތް ކުރާނަމަ ހަތަރު ރަކްޢަތް ކުރުން، އަދި ގޭގައި ކުރާނަމަ ދެރަކްޢަތް ކުރުން.

📚 ފަސްވަނަ ގައުލު: މިސްކިތުގައި ހަތަރު ރަކްޢަތް ކުރުމަށް ފަހު ގޭގައި ދެރަކްޢަތް ކުރުން.

ކޮންމެ އަކަސް މިހުރިހާ ގައުލު ތަކެއް ބިނާވެފައި މިވަނީ މަތީގައި ބަޔާން ކުރެވުނު ދެޙަދީޘް ގެ އަލީގައެވެ. ވީމާ، މިތަނުން ކޮންމެ ގައުލެއްގައި ހިފިނަމަވެސް -އިންޝާ ﷲ- މައްސަލަ އެއް ނެތެވެ. والله أعلم

Javaabu dhehvee Dr Muhammad Iyaz Abdul Latheef #IslamicKnowledgeViberGroups
📚☄️📚 ☄️ 📚 ☄️ 📚 ☄️📚

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close