ކަޅު ސަޔަކީ މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ބުއިމެވެ. ހެނދުނުގެ ނާސްތާއިން ފެށިގެން ހަވީރުގެ ސައިވަގުތާ ހަމައަށް، އެތައް ޤަރުނެއް ވަންދެން މީހުން ކަޅުސައި ބޮއެ އުޅެއެވެ. ނަމަވެސް، ކަޅު ސަޔަކީ ހަގީގަތުގައިވެސް ސިއްހަތަށް ފައިދާހުރި ބުއިމެއް ހެއްޔެވެ؟ ނުވަތަ ބޯ މިންވަރު މަދުކުރަންޖެހޭ ސަބަބުތަކެއް ހުރޭ ހެއްޔެވެ؟
ކަޅު ސަޔަކީ ސިއްހީ ގޮތުން ފައިދާހުރި ކާނާގެ ތެރޭގައި ހިމެނިދާނެ ބުއިމެއް ކަމެވެ. އޭގައި އެންޓިއޮކްސިޑެންޓްތަކާއި ގަސްގަހާގެހިން ލިބޭ އެހެނިހެން މާއްދާތައް އެކުލެވިގެންވެއެވެ. ނަމަވެސް، ސައި ބޮވޭ މިންވަރާއި، އެ ތައްޔާރުކުރާ ގޮތާއި، އަދި ކެފެއިންއަށް ތިމާގެ ހަށިގަނޑު ހޭނިފައިވާ މިންވަރަކީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.
ކަޅު ސަޔަކީ ކޮބައި؟
ކަޅު ސައި ތައްޔާރުކުރަނީ “ކެމީލިއާ ސިނެންސިސް” ގަހުގެ ފަތުންނެވެ. މިއީ ފެހި ސައި (ގްރީން ޓީ) އާއި، ހުދު ސައި އަދި އޫލޮންގް ސައި ތައްޔާރުކުރަންވެސް ބޭނުންކުރާ ގަހެވެ. ކަޅު ސައި ތަފާތުވަނީ، އެ ފަތްތައް ޕްރޮސެސްކުރުމުގައި އިތުރަށް އޮކްސިޑައިޒް ކުރެވޭތީއެވެ. މިކަމުގެ ސަބަބުން ކަޅު ސަޔަށް އޭގެ ގަދަ ކުލައާއި، މީރު ރަހައާއި، ވަކި ޚާއްޞަ މީރުވަހެއް ލިބިގެންދެއެވެ.
ކަޅު ސައިގައި ގުދުރަތީ ގޮތުން ކެފެއިންއާއި “ޕޮލިފީނޯލްސް” ކިޔާ ގަސްގަހާގެހީގެ މާއްދާތައް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި “ތިއަފްލެވިންސް” އާއި “ތިއަރޫބިޖިންސް” ހިމެނެއެވެ. މި މާއްދާތަކަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިދޭ މާއްދާތަކެއް ކަމަށް ބެލެވެއެވެ.
ކަޅު ސައިން ލިބިދާނެ ސިއްހީ ފައިދާތައް
އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވުން
ކަޅު ސައިގައި އެންޓިއޮކްސިޑެންޓްގެ ސިފަތައް އެކުލެވޭ ޕޮލިފީނޯލްސް ހިމެނެއެވެ. މިއީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. ހަމައެކަނި ސައި ބުއިމުން ހުރިހާ ފައިދާއެއް ނުލިބުނު ކަމުގައިވިޔަސް، މިއީ ފައިދާހުރި ކާނާއާއެކު ބޭނުންކުރުމުން ހަށިގަނޑަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެކެވެ.
ހިތުގެ ސިއްހަތަށް އެހީތެރިވެދިނުން
ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ސައި ބުއިމަކީ ހިތުގެ ސިއްހަތަށް ފައިދާހުރި ކަމެކެވެ. ކަޅު ސައިގައި ހުންނަ މާއްދާތަކުގެ ސަބަބުން ލޭހޮޅިތަކުގެ ދައުރުވުން ރަނގަޅުކޮށްދީ، ހިތުގެ ބަލިތަކަށް މަގުފަހިވާ ކަންކަމުން ރައްކާތެރިކޮށްދެއެވެ. ނަމަވެސް، މިއީ ފައިދާހުރި ކާނާއާއި، ކަސްރަތާއި، އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުން ފަދަ ދިރިއުޅުމުގެ ރަނގަޅު އާދަތަކާ އެކު ކުރަންޖެހޭ ކަމެކެވެ.
ސިކުނޑި ހޭލައްވާލުމާއި ސަމާލުކަން އިތުރުކޮށްދިނުން
ކަޅު ސައިގައި ގުދުރަތީ ގޮތުން ކެފެއިން ހިމެނޭތީ، މިއީ ވަރުބަލިކަން ކުޑަކޮށްދީ ސަމާލުކަން އިތުރުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އޭގައި އެކުލެވޭ “އެލް-ތިއަނިން” ކިޔާ އަމިނޯ އެސިޑެއްގެ ސަބަބުން، ކެފެއިންއާ ގުޅިގެން ސިކުނޑީގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ. ނަމަވެސް، ރޭގަނޑު ވަގުތު ސައި ބުއިމަކީ ނިދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ގޮހޮރުގެ ސިއްހަތަށް އެހީތެރިވެދިނުން
ކަޅު ސައިގައި ހުންނަ ބައެއް މާއްދާތަކަކީ ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ ސަބަބުން ގޮހޮރުގެ ސިއްހަތު ރަނގަޅުވުމަށް މަގުފަހިވެއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ދިރާސާތައް އަދިވެސް ދަނީ ކުރެވެމުންނެވެ.
މެޓަބޮލިކް ސިއްހަތަށް ފައިދާވުން
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ސައި ބޯ މީހުންނަށް “ޓައިޕް 2” ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑައެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި ސައި ބުއިމުން ވާކަމެއް ނޫނެވެ. ދިރިއުޅުމުގެ އާދަކާދަތަކާއި، ހަށިގަނޑުގެ ބަރުދަން އަދި ވިރާސީ ކަންކަމަކީވެސް މީގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.
ކެލޮރީ މަދު ބުއިމެއް
ހަކުރު ނާޅާ ބޯ ކަޅު ސަޔަކީ ކެލޮރީ ވަރަށް މަދު ބުއިމެކެވެ. އެހެންކަމުން މިއީ ފޮނި ބުއިންތަކާއި ހަކުރު ގިނަ ކޮފީތަކުގެ ބަދަލުގައި ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.
ސަމާލުވާންޖެހޭ ބައެއް ކަންކަން
ކަޅު ސަޔަކީ ފައިދާހުރި އެއްޗަކަށް ވިޔަސް، މާ ގިނައިން ބުއިމަކީ ބައެއް މީހުންނަށް ގެއްލުންވެދާނެ ކަމެކެވެ.
ކެފެއިން: މާ ގިނައިން ކެފެއިން ހަށިގަނޑަށް ދިއުމުން ނިދި ނައުމާއި، ހާސްވުމާއި، ބޮލުގައި ރިއްސުމާއި، ހިތުގެ ތެޅުން އަވަސްވުމުގެ އިތުރުން ބަނޑަށް އުނދަގޫވުން ފަދަ ކަންކަން ދިމާވެދާނެއެވެ.
ދަގަނޑުގެ ބައި ދަށްވުން: ސައި ބުއިމުގެ ސަބަބުން ކާނާގައި ހުންނަ ދަގަނޑުގެ ބައި (iron) ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއެޅިދާނެއެވެ. އެހެންކަމުން، ދަގަނޑުގެ ބައި މަދު މީހުން ކާގަޑިތަކާ ދުރު ވަގުތެއްގައި ސައި ބުއިމަކީ ބުއްދިވެރި ކަމެކެވެ.
އިތުރުކުރާ ހަކުރު: ކަޅު ސަޔަކީ ކެލޮރީ މަދު އެއްޗަކަށް ވިޔަސް، އޭގެ ތެރެއަށް ގިނައިން ހަކުރު އެޅުމުން އޭގެ ސިއްހީ ފައިދާ ގެއްލި، ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ.
ބޯންވީ ކިހާވަރަކަށް؟
މިއީ ވަކި މިންވަރެއް ކަނޑައެޅިފައިވާ ކަމެއް ނޫނެވެ. އާންމުކޮށް ސިއްހަތު ރަނގަޅު މީހަކަށް ދުވާލަކު މަދު ސައިތަށިކޮޅެއް ބުއިމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ސައި ބުއިމުން ނިދަން އުނދަގޫވާނަމަ ނުވަތަ އެހެންވެސް އުނދަގުލެއް ވާނަމަ، ބޯ މިންވަރު މަދުކުރުން މުހިންމެވެ.
ކަޅު ސައި ކޮފީއަށްވުރެ ފައިދާ ބޮޑުތޯ؟
ކަޅު ސަޔާއި ކޮފީއަކީވެސް ސިއްހަތަށް ފައިދާހުރި ދެ ބުއިމެވެ. ކޮފީގައި ކެފެއިން ހުންނަ މިންވަރު ގިނައެވެ. ކަޅު ސައިގައި ކެފެއިން މަދުވެފައި، އެހެނިހެން ފައިދާހުރި މާއްދާތައް ގިނައެވެ. އެހެންކަމުން މިއިން އިޚްތިޔާރު ކުރާނެ އެއްޗެއް ބިނާވަނީ އެމީހެއްގެ ހަށިގަނޑަށް ކެފެއިން ހޭނިފައިވާ މިންވަރަށެވެ.
ކަޅު ސަޔަކީ މިންގަނޑެއްގައި ބޭނުންކުރާނަމަ ސިއްހަތަށް ފައިދާހުރި ބުއިމެކެވެ. މިއީ އެންޓިއޮކްސިޑެންޓް ލިބިދޭ، ސިކުނޑި ހޭލައްވާލައި، އަދި ހިތުގެ ސިއްހަތަށް އެހީތެރިވެދޭ ބުއިމެކެވެ. އެންމެ ރަނގަޅު ގޮތަކީ ހަކުރު ނާޅާ ނުވަތަ ވަރަށް މަދުން ހަކުރު އަޅައިގެން ސައި ބުއިމެވެ.
އެލީސަން ހެރިސް (2016) ، ވެރީވެލްހެލްތު.ކޮމް
ކޮމެންޓް (0)
ލޯޑް ކުރަމުން...