އިދިކޮޅު ފަރާތްތަކުން ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރަމުންދާ ކަމަށާއި އެފަދަ ކަންކަމަށް ޕާޓީގެ ސަފުތަކުން ޖާގަދީގެން ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވުނު ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ފައްޓަވައިދެއްވަމުން، ރައީސް މުއިއްޒު ވަނީ ޕާޓީގެ ހުރިހާ ގުނަވަންތަކެއް އެކުގައި، އެއް އާއިލާއެއްގެ ގޮތުގައި ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ސިޔާސީ މައިދާނުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރަމުންދާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއަށް އެފަދަ ހަމަނުޖެހުންތައް ވެއްދުމުގެ ފުރުސަތު އެއްގޮތަކަށްވެސް ދީގެން ނުވާނެ ކަމަށެވެ. އަދި ޕީއެންސީގެ މައިގަނޑު އަމާޒަކަށް ވާންވާނީ ގައުމަށް ބޭނުންވާ ތަރައްގީ ގެނައުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފެވެ.
ޕީއެންސީގެ މެންބަރުންގެ އަދަދު 80،000 އާ ގާތްކޮށްފައިވަނީ މެންބަރުން ކުރި ބުރަ މަސައްކަތުން ކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޕާޓީގެ ކުރިމަގާ މެދު ބޮޑެތި އުއްމީދުތަކެއް ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އެއް ރޫހެއްގައި، ގައުމުގެ ޝިއާރު އިސްކޮށްގެން ސިޔާސީ މައިދާން ފުރިހަމަ ހާލަތަކަށް ގެންދިއުމުގައި ޕީއެންސީން އަބަދުވެސް މިސާލު ދައްކާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މި ހަރަކާތުގެ ތެރެއިން ޕީއެންސީގެ ހަ ނައިބު ރައީސުންގެ މަގާމަށާއި މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...