ގއ. އަތޮޅަށް މަސްތުވާތަކެތި ގެންގޮސް، އެ ތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ނެޓްވޯކެއް ރޫޅާލުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ ވިޔަފާރީގައި އިސްކޮށް އުޅޭ ދެ މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިގެންފިއެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫގެ ދެ ގެއެއް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށު ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އަދި އެ ރަށު ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ. މި ދެ މީހުންނަކީ ވެސް އެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މުއާމަލާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރާ ދެ މީހުން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
އެ ދެ ގެއިން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 17.7 ކިލޯ ހުރި ކަމަށް ފުލުހުން ބުނެއެވެ. އަދި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން ކުރިއަށްގެންދާ މި މަސައްކަތަކީ އަޕަ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިހާއި، ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި ހަރަކާތެކެވެ. މީގެ އިތުރުން މި މައްސަލައާ ގުޅުންހުރި އެހެން ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ތަހުގީގު ޓީމުން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެކަނިވެސް މަގުމަތީ އަގު 121 މިލިއަން ރުފިޔާއަށް ވުރެ މަތީގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން ވަނީ އަތުލައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...