ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތަދުމަޑުކަން ހައްލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެއީ ހަމައެކަނި ރައްޔިތުންނަށް ދައްކަވާ ދަޅައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިލްޔާސް ވަނީ ރައީސް މުއިއްޒަކީ “ބްލަފް މާސްޓަރެއް” ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް މާލެއާއި އެއާޕޯޓާ ދެމެދު މޮނޮރެއިލް އެޅުމާއި، އައްޑޫ ބްރިޖާއި، ޓްރާންސްޝިޕްމަންޓް ބަނދަރު ފަދަ ހަގީގަތަކަށް ނުވާނެ އެތައް ހުވަފެންތަކެއް ދެއްކެވި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ ނަން ޖަހައިގެން ރިބަންފަށެއް ކަނޑާލުން ފިޔަވައި ރައްޔިތުންނަށް ފައިދާއެއް ނުވާ ކަންކަން ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލާއެކު ސަރުކާރުން ކަންކުރި ގޮތަށް އަލިއަޅުއްވާލައްވަމުން އިލްޔާސް ވިދާޅުވީ، އިގްތިސާދީ ހަގީގަތްތަކާ ކުރިމަތިލުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރީ ގަދަބާރުން ކަންކަން ހައްލުކުރަން ކަމަށެވެ. އެގޮތުން ބީއެމްއެލްއިން ބަގާވާތެއް ކުރަން އުޅުނު ކަމަށް ބުނެ ފުލުހުން މެދުވެރިކޮށް ތަހުގީގުތައް ހިންގި ނަމަވެސް ފަހުން އެކަން އެހެން ނޫން ކަމަށް ސާބިތުވި ކަމަށާއި، ބޭންކުގެ ބޯޑަށް ގާބިލު ނޫން ބޭފުޅުން އައްޔަންކޮށް މާލީ ނިޒާމު ސަރުކާރުގެ އަތްދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް އަލިއަޅުއްވާލައްވަމުން އޭނާ ފާހަގަކުރެއްވީ، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރަންޖެހޭ އިންސައްތަ އިތުރުކުރުމާ ގުޅިގެން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށެވެ. އިގްތިސާދުގެ ތެރޭގައި އިތުރަށް ޗާޕުކޮށްފައިވާ ފައިސާއާއެކު ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެ، ކުރިއަށް އޮތް ތަނުގައި ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 30 ރުފިޔާއަށް އަރައިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެމްއޭސީއެލް، އެޗްޑީސީ އަދި އެސްޓީއޯ ފަދަ ތަންތަނަށްވެސް މުދާ އެތެރެކުރުމަށާއި ލޯނު ދެއްކުމަށް ބޭނުންވާ ޑޮލަރު ނުލިބޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް އެމްއޭސީއެލްގެ ފައިސާ ބޭނުންކުރާ ގޮތުގެ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ސަރުކާރެއްގައި އެ މުއާމަލާތްތައް ތަހުގީގުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މާލީ ކާރިސާއިން ގައުމު ސަލާމަތްކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބިރުދެއްކުން ހުއްޓާލައި، ބޭރުގެ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށާއި ސިޔާސީ މަގާމުތަކަށް މީހުން ނަގައިގެން ކުރާ އިސްރާފުތައް ހުއްޓާލުމަށް އިލްޔާސް ގޮވާލެއްވިއެވެ. އަދި ގައުމީ މަސްލަހަތު އިސްކޮށް، މަޖިލިސް މެންބަރުން އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރެއްވުމާއެކު، ސަރުކާރުން އިދިކޮޅު ޕާޓީއާއެކު މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...