ޚަބަރު މަސްވެރިކަން ދަށްވެ، އޮގަސްޓް މަހު މިފްކޯއިން ދޫކުރި ފައިސާ %39 ދަށަށް

މަސްވެރިކަން ދަށްވެ، އޮގަސްޓް މަހު މިފްކޯއިން ދޫކުރި ފައިސާ %39 ދަށަށް

މަސްވެރިކަން ދަށްވެ، އޮގަސްޓް މަހު މިފްކޯއިން ދޫކުރި ފައިސާ %39 ދަށަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ސަރަޙައްދުގައި މަސްވެރިކަން ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، ނިމިދިޔަ އޮގަސްޓު މަހުގެ ތެރޭގައި މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ދޫކުރި ފައިސާގެ ޢަދަދު %39 ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ۔

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޢާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، އޮގަސްޓު މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 29.9 މިލިއަން ރުފިޔާއެވެ۔ މިއީ އޭގެ ކުރީ މަސް ކަމަށްވާ ޖުލައި މަހު ދޫކުރި 49.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ۔

ފައިސާ ދޫކުރި މިންވަރު ދަށްވީ މިފްކޯއަށް މަސް ކިރުވި ދޯނިތަކާއި ކިރުވި މަހުގެ ޢަދަދު ވެސް މަދުވުމާ ގުޅިގެންނެވެ۔ އެގޮތުން ޖުލައި މަހު 822 ދޯންޏަކުން 2،474 ޓަނުގެ މަސް ކިރުވި ނަމަވެސް، އޮގަސްޓު މަހު އެ ކުންފުނީގެ އެކި ފެސިލިޓީތަކަށް މަސް ކިރުވާފައިވަނީ 555 ދޯންޏަކުން 1،488 ޓަނުގެ މަހެވެ۔ މިއީ ކިރުވި މަހުގެ ނިސްބަތުން ވެސް %39 ގެ ދަށްވުމެކެވެ۔

މި ދުވަސްވަރު މަސްވެރިކަން ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު އެންވެރިކަން ދަށްވުމެވެ۔ މަސްވެރިކަމުގެ ތާރީޚީ ހިސާބުތަކަށް ބަލާއިރު ވެސް ޖޫން މަހާއި އޮގަސްޓު މަހަކީ ރާއްޖޭގައި އާންމުކޮށް މަސްވެރިކަން އެންމެ ބޮޑަށް ދަށްވާ ދުވަސްވަރެވެ۔

މިފްކޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މަސްވެރިންނަށް ދޫކުރެވުނު ފައިސާ ހުރީ އެއް މިލިއަން ރުފިޔާއަށް ވުރެ ދަށުގައެވެ۔ އަދި ޖޫން މަހުގެ ބައެއް ދުވަސްތަކުގައި ބޭނި މަހަށް ދޫކުރެވިފައިވަނީ ގާތްގަނޑަކަށް ފަސްލައްކަ ރުފިޔާއެވެ۔

މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާކޮށްދޭން ފެށިފަހުން މިހާތަނަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ۔

ޓެގް

މަސްވެރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.