ނޭޕާލުގެ މުސްލިމުންނާ ދެކޮޅަށް ހިންދޫ ހަރުކަށި ބަޔަކު ދިން އަނިޔާވެރި ހަމަލާތަކެއްގައި ކީރިތި ގުރުއާނުގެ މުސްހަފުތައް އަންދައި މިސްކިތްތަކަށް ގެއްލުންދިން ހާދިސާއަށް ފަހު، އެ ގައުމަށް އައި ބޮޑު ފެންބޮޑުވުމާ މި ކަންކަން ގުޅުވައި ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.
ދެކުނު ނޭޕާލުގެ ސުންސަރީ އަދި ސިރާހާ ފަދަ ޑިސްޓްރިކްޓްތަކުގައި މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި، ހަރުކަށި ހިންދޫންގެ ބަޔަކު ވަނީ މިސްކިތެއްގައި ހުޅުޖަހައި، ގުރުއާން އެންދުމުގެ އިތުރުން މުސްލިމުންގެ ވިޔަފާރިތައް ލޫޓުވައި އުޅަނދުތަކުގައި ރޯކޮށްފަ އެވެ. މި ހާދިސާގެ ތެރޭގައި ތިން މީހަކު މަރުވެ މަސްލަހަތު ގެއްލުމާ ގުޅިގެން، އެ ސަރަހައްދުތަކުގައި ކާފިއު އިއުލާނުކޮށް ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވާން ޖެހުނެވެ.
މިއަހަރުގެ ކުރީކޮޅު ވެސް ނޭޕާލުގައި ނަމާދު ވަގުތުތަކާ ދިމާކޮށް މިސްކިތްތައް ކައިރީ ގަސްދުގައި އަޑުގަދަކޮށް ލަވަޖެހުމާއި، މަދުވެގެން ތިން މިސްކިތަކަށް ގެއްލުންދީ ހުޅުޖެހި މައްސަލަތަކެއް ރިޕޯޓްކޮށްފައިވެ އެވެ. ގާނޫނުއަސާސީން ވަކި ދީނަކަށް ނުޖެހޭ ސެކިއުލާ ދައުލަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަވެސް، އަގައްލިއްޔަތު މުސްލިމުންނާ ދެކޮޅަށް ހިންދޫ ހަރުކަށި ފަރާތްތަކުން ހިންގާ ދީނީ ހަމަނުޖެހުންތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
މި ހާދިސާތައް ހިނގިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ނޭޕާލާއި ޓިބެޓް ގުޅޭ އުސް ފަރުބަދަމަތީގެ މާސިންގާ ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް ކޯރެއް ބަންދުވެ، އެ ފެންގަނޑު ކުއްލިއަކަށް ފަޅައިގެން ދިއުމުގެ ސަބަބުން ތްރިޝޫލީ ކޯރުގެ ވާދީތަކަށް ވަނީ ބޮޑު ސުނާމީއެއް ފަދަ ސައިލެއް އަރައިފަ އެވެ.
މުޅި ސަރަހައްދު ބޯ ކިސަޑާއި މަށީގެ ދަށަށް ގެނބި، ކޯރު އައްސޭރީގެ ގިނަ އަދަދެއްގެ ކޮންކްރީޓް އިމާރާތްތަކާއި މަގުތަކާއި ބްރިޖުތައް ވަނީ ސުންނާފަތިވެފަ އެވެ. ކަރަންޓާއި މުއާސަލާތީ ހިދުމަތްތައް އެއްކޮށް ކެނޑިފައިވާ މި ކާރިސާގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އިތުރު އެތައް ބަޔަކު ގެއްލިފައިވާ އިރު، މި ދެ ހާދިސާއާ ގުޅުވައިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އަންނަނީ ތަފާތު ޝުއޫރުތައް ފާޅުކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...