ޚަބަރު ވިޔަފާރީގެ ތެދުވެރިކަމަށާއި، މައިންބަފައިންނަށް އިޙުސާންތެރިވުމަށް ޚުޠުބާގައި ގޮވާލައްވައިފި

ވިޔަފާރީގެ ތެދުވެރިކަމަށާއި، މައިންބަފައިންނަށް އިޙުސާންތެރިވުމަށް ޚުޠުބާގައި ގޮވާލައްވައިފި

ވިޔަފާރީގެ ތެދުވެރިކަމަށާއި، މައިންބަފައިންނަށް އިޙުސާންތެރިވުމަށް ޚުޠުބާގައި ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިޔަފާރީގައި ތެދުވެރިވެ މުދަލުން ޒަކާތްދިނުމަށާއި، މައިންބަފައިންނަށް އިޙުސާންތެރިވެ އަޅައިލުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

“މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މަޢުޟޫޢަށް ދެއްވި ޚުޠުބާގައި ވަނީ މުޖުތަމަޢު އިޞްލާޙުކުރުމަށްޓަކައި ސަމާލުކަން ދޭންވީ ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރީގައި ތެދުވެރިވުމަކީ މާތް ﷲ ދަރުމަ ބޮޑުކުރައްވާފައިވާ އަޅުކަމެކެވެ. އަދި މުދަލުން ޒަކާތްދިނުމަކީ އޭގައި ބަރަކާތް ލައްވާ ކަމެކެވެ. ނަމަވެސް، ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި މުދާ ޚަޒާނާކުރުމާއި އިސްރާފުކުރުމަކީ މާތް ﷲ ގެ ލަޢުނަތާއި ޢަޛާބު ލިބި، މުދަލުގެ ބަރަކާތް ކެނޑިގެންދާނެ ކަންކަމެވެ.

މީގެއިތުރުން، މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް ﷲ ގެ ވަޞިއްޔަތެއް ކަމަށާއި، އެއީ ޢުމުރުގައި ބަރަކާތް ލައްވައި ސުވަރުގެއަށް ވަނުމުގެ ދޮރެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، މައިންބަފައިން މުސްކުޅިވާ ދުވަހު އެ މީހުންނަށް އުރެދި، އެކަނިވެރިކޮށް ދޫކޮށްނުލައި، އޯގާތެރިކަމާއެކު އަޅައިލުމަށް ގޮވާލެއްވިއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ، ނަމާދުން ފައިބައިގެން މިސްކިތުގެ ދޮރޯށި ކައިރީގައި ތިބެ ޣީބަބުނުމާއި ދޮގުވާހަކަ ފެތުރުން ފަދަ ޢަމަލުތަކުގެ ސަބަބުން ނަމާދުގެ ޘަވާބާއި ދަރުމަ ގެއްލިގެންދާ ކަމަށެވެ. އަދި އެކަކު އަނެކަކަށް ޙަސަދަވެރިނުވެ އަޚުވަންތަކަމާއެކު އުޅުމަށް އިރުޝާދު ދެއްވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން، ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުން ބިނާކުރުމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި، ޙަރާމް އެއްޗަކުން ބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއްކަން ރަސޫލާގެ ޙަދީޘްފުޅުން ދަލީލުދެއްވިއެވެ. މުޖުތަމަޢުގައި މުންކަރާތްތަކާއި ފާޙިޝް ކަންކަން ޢާންމުވެއްޖެނަމަ މުޅި މުޖުތަމަޢު ފަސާދަވެގެންދާނެތީ، އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކުރުމަކީ އެންމެހައި ފަރުދުންގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ބަޔާންކުރެއްވިއެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.