މާލޭގެ އިއްޒުއްދީން ފާލަން ކައިރިން ލޯންޗެއްގައި ޖެހި އެކްސިޑެންޓްވުމަށްފަހު ފިލައިގެން ދިޔަ ދޯނި ފުލުހުންގެ ތަހުގީގަށް ހޯދައި، އެ އުޅަނދުގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.
މިދިޔަ މަހުގެ 9 ވަނަ ދުވަހުގެ ރޭ “ލީޖަން 101” ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް މާލެ ކައިރި ކަނޑުމަތިން އެކްސިޑެންޓްވި ހާދިސާއަށްފަހު، އެ ދޯނި މަޑުނުކޮށް ގޮސްފައިވާތީ ފުލުހުން އައީ ތަހުގީގެއް ހިންގައި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ތަހުގީގުގެ ތެރެއިން އެ މައްސަލައާ ގުޅުންހުރި ދޯނި ފެނިފައިވަނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮއްވައިކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އެ ދޯނި ފެނުމާއެކު ފުލުހުން ވަނީ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކާއި ހެކިތައް އެއްކޮށް ކަށަވަރުކޮށްފައިކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ދޯނީގެ ކެޕްޓަނާ ސުވާލުކުރުމަށްފަހު، ކުރިއަށްދާ ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ އޭނާގެ ކަނޑުއުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހިފަހައްޓާފައެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މިއެކްސިޑެންޓާ ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...