މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާގައި ފާހަގަވާ މައްސަލަތަކަށް ޖަވާބުދާރީވުމަށް ހައުސިން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވަނީ، އެޕްލިކޭޝަން ފޯމުގައިވާ މައުލޫމާތާއި ސަރުކާރުގެ އެކި ވުޒާރާތަކާއި ކައުންސިލްތަކުގެ ރެކޯޑުތަކާ އަޅާކިޔާއިރު އެއްވެސް ފުށުއެރުމެއް އުޅޭނަމަ އެކަން “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް އެ ފަރާތަކަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި ޕޯޓަލްއަށް އަންނަ މިފަދަ ބަދަލުތައް، ފޯމު ފުރިހަމަކުރިއިރު ދީފައިވާ މޯބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ހިއްސާކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މިގޮތުން ޕޯޓަލް މެދުވެރިކޮށް ފޮނުވާ ނޯޓިސްއާ ގުޅިގެން އިތުރު ތަފުސީލު ނުވަތަ ލިޔެކިޔުން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކަލަންޑަރު ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، މި މުއްދަތުގައި ޖަވާބު ނުދީފިނަމަ އެ ފޯމަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއް ކަމަށް ކަނޑައަޅާނެ ކަމަށް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.
މައްސަލަތަކަށް އިސްލާހު ނުވަތަ ޖަވާބު ހުށަހެޅުމުގެ ހުރިހާ މުއާމަލާތެއް ވެސް ކުރިއަށް ގެންދަންވާނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު، އީމެއިލާއި ސިޓީ ފަދަ އެހެން އެއްވެސް ވަސީލަތަކުން ހުށަހަޅާ ލިޔުންތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
މި އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީން ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ކުރަމުން އަންނައިރު، “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދުނު 35،930 މީހުންނާއި، ގޯއްޗަށް އެދުނު 22،575 މީހުންނެވެ.
މި ސްކީމުގެ ދަށުން 7،900 ފްލެޓާއި، 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ރަސްމާލެ މަޝްރޫއު ހިމެނޭހެން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި މި އަހަރުގެ ތެރޭގައި އިއުލާނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...