އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ އަސްކަރީ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި، އޭޝިއާ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ އުޅަނދުތަކާއި މަނަވަރުތައް މެދުއިރުމައްޗަށް ގެންދަން ފެށުމުން އެ ސަރަޙައްދުގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މި ނުތަނަވަސްކަން އެންމެ ބޮޑުވެގެން ދިޔައީ އޭޝިއާ-ޕެސިފިކްގައި އޮތް އެމެރިކާގެ އެންމެ ފަހު މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން ޖަޕާނުން މެދުއިރުމައްޗަށް ފޮނުވާލުމަށް ނިންމުމާ ގުޅިގެންނެވެ.
އެ މަނަވަރު މެދުއިރުމައްޗަށް ފޮނުވަނީ ވޭތުވެދިޔަ ނުވަ މަސް ދުވަހު މެދުކެނޑުމެއްނެތި އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ ޔޫއެސްއެސް އަބްރަހަމް ލިންކަންގެ ބަދަލުގައެވެ. ދިގުލައިގެން ދިޔަ އެ މިޝަންގެ ސަބަބުން ލިންކަން މަނަވަރުގައި ކާބޯތަކެތި މަދުވެ، ފާޚާނާތަކާއި ފެންވަރާ ތަންތަން ހަލާކުވެ ސާފުތާހިރުކަން ގެއްލި ބަލިމަޑުކަން ފެތުރުނު ކަމަށާއި، އަދި ސިފައިންގެ މީހަކު މަނަވަރުން ކަނޑަށް ފުންމާލަން މަސައްކަތްކުރި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ދެކުނު ކޮރެއާގައި ހުރި އެމެރިކާގެ ތާޑް މިސައިލް ދިފާޢީ ނިޒާމުގެ ބައިތަކެއްވެސް އީރާނާ ދެކޮޅަށް ބޭނުންކުރުމަށް ގެންގޮސްފައިވާ ކަމަށާއި، މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ މިސައިލާއި ހަތިޔާރުގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕްގެ ސީނިއަރ އެނަލިސްޓް ވިލިއަމް ޔަންގް ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން އޭޝިއާގައި ޗައިނާ ހުއްޓުވުމަށް އެމެރިކާއަށް އޮތް ޤާބިލުކަމަށް ބުރޫއަރާނެއެވެ. އެމެރިކާގެ މަނަވަރު އެ ސަރަޙައްދު ދޫކޮށް ދިއުމާއެކު، ޗައިނާގެ ލިއާއޮނިންގ އަދި ޝަންޑޮންގް މަނަވަރުތަކާއި އަސްކަރީ އުޅަނދުތައް ޓައިވާން، ޖަޕާން އަދި ފިލިޕީންސްގެ އިޤްތިޞާދީ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފައެވެ.
ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރގެ ސެކިއުރިޓީ އެކްސްޕަރޓް ޖާ އިއާން ޗޮންގް ފާހަގަކުރެއްވި ގޮތުގައި، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުގެ ދަށުން އޭޝިއާގެ ޤައުމުތަކުން އަމިއްލަ ދިފާޢަށް ބުރަވާންޖެހޭ މިންވަރު ހާމަވާ ކަމެކެވެ. އެމެރިކާގެ 2026 ވަނަ އަހަރުގެ ނޭޝަނަލް ޑިފެންސް ސްޓްރެޓެޖީގައި ގޮވާލާފައިވަނީ ޗައިނާ، އުތުރު ކޮރެއާ، ރަޝިޔާ އަދި އީރާނުގެ ނުރައްކަލާ ދެކޮޅަށް ބައިވެރިވާ ޤައުމުތަކުން އަސްކަރީ ޚަރަދުތައް ޖީޑީޕީގެ 3.5 އިންސައްތައަށް މަތިކުރުމަށެވެ.
މި ސަބަބުތަކަށްޓަކައި ޓައިވާނުން 2027 ވަނަ އަހަރުގެ ދިފާޢީ ބަޖެޓު 18 އިންސައްތައަށް އިތުރުކުރުމަށް ނިންމާފައިވާއިރު، ފިލިޕީންސުން ޖީޑީޕީގެ 4 އިންސައްތައަށް ޚަރަދު މަތިކުރުމަށް ގޮވާލައި ޖަޕާނާއި ދެކުނު ކޮރެއާއެކު ދަނީ ސަލާމަތީ ގުޅުންތައް ވަރުގަދަކުރަމުންނެވެ.
މި ހުރިހާ ބަދަލުތަކާއެކުވެސް، ޕެސިފިކް ކޮމާންޑްގެ ދަށުން 375،000 އެމެރިކާ ސިފައިންނާއި އެމްފިބިއަސް ރެޑީ ގްރޫޕްތައް އަދިވެސް އޭޝިއާގައި އެބަތިބި ކަމަށާއި، އީރާން ހަނގުރާމަ ނިމުމަކަށް އައުމުން އެމެރިކާގެ މައިގަނޑު ސަމާލުކަން އަލުން ޗައިނާއާއި އޭޝިއާއަށް އެނބުރި އަންނާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...