އަންނަ މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާ ދިމާކޮށް، ގައުމުގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އިމާރާތްކުރުމުގެ ބިންގާެއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވާންފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރާ މި ބޮޑު މިސްކިތް ވެގެންދާނީ ދިވެހިންގެ އިސްލާމީ މުއްސަނދި ތާރީހާއި ފަރުމާވެރިކަން އެންމެ ފުރިހަމައަށް ރަމްޒުކޮށްދޭ އަދި އީމާންކަމާއި އިލްމު ފެތުރުމުގެ މުހިންމު މަރުކަޒަކަށް ކަމަށެވެ.
މި ހާއްސަ މުނާސަބަތާ ގުޅުވައިގެން ބިންގާެއެޅުމަށް ކުރަންޖެހޭ އިދާރީ އަދި ފަންނީ ތައްޔާރީތައް ކުރިއަށްދާއިރު، މި މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައެވެ.
އެޗްޑީސީގެ ފަރާތުން އިސްލާމިކް މިނިސްޓްރީއާ މިހާރު ބިން ހަވާލުކޮށްފައިވާ މި މަޝްރޫއުއަށް ފައިނޭންސް ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު މިނިސްޓްރީން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި މަޝްރޫއުގެ ދަށުން ބިނާކުރާ ކޮމްޕްލެކްސްގައި އަޅުކަންކުރާ ބައިގެ އިތުރުން ހާއްސަ ގުރުއާން މިއުޒިއަމަކާއި އިސްލާމީ އެކި ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހިމެނިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...