ރާއްޖޭގެ ދެކުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ޔެލޯ އެލާޓް ނެރެފިއެވެ.
އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގެ ތެރޭގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވެއެވެ.
ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވެހުނު ވާރޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެ ރަށަށް 56.8 މިލިމީޓަރުގެ ވާރޭ ރެކޯޑުކުރެވުނުއިރު، ރ. އިފުރަށް 37.0 މިލިމީޓަރު އަދި ބ. ދަރަވަންދޫއަށް 25.0 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކި ހިސާބުތަކަށް ދެމިގެންދާނެ ކަމަށް ބެލެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި އެ ސަރަހައްދުތަކުގެ އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...