ބޭރުދުނިޔެ

ސައުދީ އަރަބިއްޔާގެ ހޮހަޅައަކުން 2،000 އަހަރުވީ، މަމީކޮށްފައިވާ ޗީޓާތަކެއް ފެނިއްޖެ

ސައުދީ އަރަބިއްޔާގެ އުތުރުގެ ހިސާބެއްގައިވާ ހޮހަޅަ ނެޓްވޯކަކުން، ވަރަށް ބޮޑަށް ކުނިނުވެ ރައްކާތެރިކުރެވިފައިވާ ޗީޓާތަކެއްގެ މަމީ ސައިންސްވެރިން ހޯދައިފިއެވެ. މިއީ އަރަބި ބައްރުން މިފަދަ “ބިގް ކެޓް” އެއްގެ މަމީ ފެނުނު ފުރަތަމަ ފަހަރެވެ.

ސައުދީގެ ނޭޝަނަލް ސެންޓަރ ފޯ ވައިލްޑްލައިފްގެ ރިސާޗަރުން އަރާރު ސިޓީ ކައިރީގައިވާ “ލައުގާ” (Lauga) ހޮހަޅަ ނެޓްވޯކް ބަލަމުން ދަނިކޮށް ފެނުނު މި ތަކެތީގެ ތެރޭގައި ހަތް ޗީޓާގެ މަމީ ހިމެނެއެވެ. ސައިންސްވެރިން ހާމަކުރި ގޮތުގައި މި މަމީތަކަށް 130 އަހަރާއި 1,870 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވެއެވެ. މީގެ އިތުރުން 54 ޗީޓާގެ ކަށިވެސް އެ ހޮހަޅައިން ފެނިފައިވާއިރު، އޭގެ ތެރެއިން ބައެއް ތަކެއްޗަށް 4,000 އަހަރު ވެފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

“ކޮމިއުނިކޭޝަންސް އާތު އެންޑް އެންވަޔަރަންމަންޓް” ޖާނަލްގައި މިއަދު ޝާއިއުކުރި މި ދިރާސާގައި ބުނާގޮތުން، މި ޗީޓާތަކުގެ ޑީ.އެން.އޭ ތަހުލީލު ކުރުމުން އެނގުނު ގޮތުގައި، މި ތަކެއްޗަކީ މިހާރު އެފްރިކާގެ ސަހަރާ ސަރަހައްދުގައި އުޅޭ “ނޯތުވެސްޓް އެފްރިކަން ޗީޓާ” އާއި ނަސްލީ ގޮތުން ވަރަށް ބޮޑަށް ގުޅުން ހުރި ޖަނަވާރުތަކެކެވެ.

މީގެ ކުރިން ބެލެވިފައި އޮތީ ސައުދީގައި އުޅުނީ ހަމައެކަނި “އޭޝިއަޓިކް ޗީޓާ” ކަމަށެވެ. ނަމަވެސް މި އައު ހޯދުމާއެކު، ސައުދީގެ ޗީޓާގެ ނަސްލާ ބެހޭ އައު މައުލޫމާތުތަކެއް ވަނީ ލިބިފައެވެ. ހޮހަޅައިގެ ތެރޭގައި ހުރި ފިނި އަދި ހިކި މާހައުލުގެ ސަބަބުން މި ޖަނަވާރުތަކުގެ ޑީ.އެން.އޭ ވަރަށް ރަނގަޅަށް ރައްކާތެރިކުރެވިފައި ހުއްޓެވެ. މިއީ މިފަދަ ގޮތަކަށް މަމީވެފައިވާ ވަލު ޖަނަވާރަކުން ފުރިހަމަ ޖީނޯމް ސީކުއެންސެއް ނެގުނު ފުރަތަމަ ފަހަރުވެސް މެއެވެ.

އަރަބި ބައްރުގައި ޗީޓާ އުޅުނު ނަމަވެސް، ޝިކާރު ކުރުމާއި އުޅޭނެ މާހައުލު ނެތުމުގެ ސަބަބުން 1970 ގެ އަހަރުތަކުގައި އެ ސަރަހައްދުން ޗީޓާ ވަނީ މުޅިން ހުސްވެފައެވެ. މިހާރު ސައުދީ އަރަބިއްޔާއިން ދަނީ އަލުން ޗީޓާ އެ ގައުމުގެ ވަލުތެރެއަށް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، މި ފެނުނު މަމީތަކުގެ ޑީ.އެން.އޭ މައުލޫމާތަކީ މިހާރު ދުނިޔޭގައި ތިބި “ނޯތުވެސްޓް އެފްރިކަން ޗީޓާ” ބޭނުންކޮށްގެން ސައުދީގައި އަލުން މި ނަސްލު އާލާކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި މިފަދަ ގަދީމީ ޑީ.އެން.އޭ ރެކޯޑްތަކުގެ އެހީގައި، ނެތިގޮސްފައިވާ އެހެން ނަސްލުތައްވެސް އަލުން ދިރުވުމުގެ ފުރުސަތު އޮތްކަމަށް މި ދިރާސާއިން ދައްކައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close