ބޭރުދުނިޔެ

ވެނެޒުއެލާގެ ތެލުގެ ވިޔަފާރި އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް

އެމެރިކާގެ ސަރުކާރުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، އެ ގައުމުގެ މައްޗަށް ބާރު ފޯރުވަން ފެށުމާއެކު، ވެނެޒުއޭލާގެ ތެލުގެ ވިޔަފާރި “ވަކި މުއްދަތެއް ނެތް ގޮތަށް” އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާކަން ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީން ބުދަ ދުވަހު ބުނި ގޮތުގައި، ވެނެޒުއޭލާގެ ތެޔޮ ދުނިޔޭގެ ބާޒާރުގައި ވިއްކުމުގެ މަސައްކަތް އެމެރިކާއިން މިހާރު ވަނީ ފަށާފައެވެ. އަދި މި ވިޔަފާރިން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ އެމެރިކާގެ ކޮންޓްރޯލް އޮންނަ ބޭންކް އެކައުންޓްތަކަށެވެ. މި ފައިސާ ޚަރަދުކުރާނެ ގޮތް ނިންމާނީ އެމެރިކާ ސަރުކާރުން ކަމަށާއި، އެއީ އެމެރިކާ އާއި ވެނެޒުއޭލާގެ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރާ ކަމެއް ކަމަށް އެ ގައުމުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘ޓްރޫތު ސޯޝަލް’ ގައި ވިދާޅުވީ، ވެނެޒުއޭލާގެ ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރަން ޖެހޭނީ ހަމައެކަނި އެމެރިކާގެ އުފެއްދުންތައް ގަތުމަށް ކަމަށެވެ. މީގެ ތެރޭގައި އެމެރިކާގެ ދަނޑުވެރިކަމުގެ ބާވަތްތަކާއި، ބޭހާއި، މެޑިކަލް އިކުއިޕްމަންޓް އަދި ވެނެޒުއޭލާގެ ކަރަންޓު ނިޒާމު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހިމެނެއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މިއީ ތިން މަރުހަލާއަކަށް ބެހިގެންދާ ޕްލޭނެއް ކަމަށެވެ. ފުރަތަމަ މަރުހަލާއަކީ ތެލުގެ ވިޔަފާރި ކޮންޓްރޯލް ކުރުމެވެ. ދެވަނަ މަރުހަލާއަކީ އެމެރިކާގެ ކުންފުނިތަކަށް ވެނެޒުއޭލާގެ ބާޒާރު ހުޅުވާލުމެވެ. އަދި ތިންވަނަ މަރުހަލާއަކީ ގައުމުގެ ސިޔާސީ ނިޒާމު ބަދަލުކުރުމުގެ މަރުހަލާއެވެ.
ނަމަވެސް، އެމެރިކާގެ މި އަމަލުތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުއާއި އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އދ. ގެ ތަޖުރިބާކާރުން އިންޒާރު ދެއްވާ ގޮތުގައި، ގައުމެއްގެ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް މިފަދަ ގޮތަކަށް ބާރު ފޯރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ޚިލާފު ކަމެކެވެ.
އެމެރިކާގެ ޑިމޮކްރެޓިކް ސެނެޓަރު އެލިޒަބަތު ވޮރެން ވަނީ، ވެނެޒުއޭލާގެ ތެޔޮ ކުންފުނިތަކުގެ ވެރިންނަށް އެމެރިކާގެ ސިއްރު ރޭވުންތައް އެމެރިކާގެ ރައްޔިތުންނަށްވުރެ ބޮޑަށް އެނގޭ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
ވެނެޒުއޭލާގެ ތެރޭގައި އޮތް ހާލަތަށް ބަލާއިރު، މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ވެނެޒުއޭލާ ހިންގަނީ ބޭރުގެ އެއްވެސް ބައެއް ނޫން ކަމަށެވެ. ނަމަވެސް، އެ ގައުމުގެ އަސްކަރިއްޔާއިން މިކަމުގައި ނިންމާ ނިންމުމަކީ ކުރިއަށް އޮތް ތަނުގައި މަސްރަހު ބަދަލުވެގެންދާނެ މުހިންމު ބަހާއެއް ކަމަށް މުހައްލިލުން ދެކެއެވެ.
ވެނެޒުއޭލާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ހުރި ގައުމަށްވާއިރު، އެމެރިކާގެ މި ފިޔަވަޅަކީ 1970 ގެ އަހަރުތަކުގެ ކުރިން އޮތް “ކޮންސެޝަނަރީ ސިސްޓަމް” އަށް ރުޖޫއަވުން ފަދަ ކަމެއްގެ ގޮތުގައި ހަކަތައާ ބެހޭ ތަޖުރިބާކާރުން ސިފަކުރެއެވެ. އެ ނިޒާމުގެ ދަށުން ތެލުގެ މިލްކުވެރިކަން ގައުމަށް އޮތް ނަމަވެސް، އޭގެ ހުރިހާ މުއާމަލާތެއް ހިންގައި ފައިދާ ނަގާނީ ހުޅަނގުގެ ކުންފުނިތަކުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close