ސަފީރު މަސްއޫދުގެ ވާހަކަތަކާ ގުޅިގެން ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު މަސްއޫދު އިމާދު، އެ ގައުމުގެ ސަރުކާރާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ނިންމައި، އެކަމުގެ ނޯޓިސް ފޮނުވައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.
މި މައްސަލަ ފެންމަތިވީ ލަންކާގެ “ޑެއިލީ ނިއުސް” އަށް ސަފީރު ދެއްވި އިންޓަވިއުއެއްގައި، ލަންކާގެ އިމިގްރޭޝަނުން ދިވެހިންނަށް އިހާނެތިކޮށް ހިތާނަމަ، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތު ހަރުކަށި ކުރާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. މީކާއިލް ވިދާޅުވީ ސަފީރުގެ ބަސްމަގު ހުރީ ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފަށް ކަމަށާއި، އެހެންކަމުން ސަފީރު ވަގުތުން އަނބުރާ ގައުމަށް ގެނައުމަށް ގޮވާލައްވާ ކަމަށެވެ.
މެންބަރު މީކާއިލް ކުރައްވާ ސުވާލަކީ، އަވައްޓެރި ގައުމަކާ މިފަދަ ގޮތަކަށް ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ އާއި މިކަމުގައި ސަރުކާރުގެ ރަސްމީ ސިޔާސަތަކީ ކޮބައިކަމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވި މި މައްސަލައިގައި، ބައިނަލްއަގުވާމީ މަޝްވަރާގެ ރިވެތި އުސޫލުތައް ދޫކޮށްލުމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފަ އެވެ.
