އެމްއޭސީއެލްގެ ބޮޑު ޑްރެޖަރާއެކު ދިއްދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރާއްޖެ ގެނައި ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ބޭނުންކޮށްގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކާ ގުޅިގެން ހއ. ދިއްދޫގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތަކީ ދިއްދޫގެ 3،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ފައިދާ ކުރާނެ އެއާޕޯޓަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް މަގުފަހިކުރާނެ މަސައްކަތެކެވ
ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހަވީރު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ “ލީވް އެރިކްސަން” ނަމަކަށް ކިޔާ ދުނިޔޭގެ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ސައިޒުގެ ބިން ހިއްކުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރެޖަރުގެ އެހީގައި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
ދިއްދޫ ބިން ހިއްކުމުގެ މި މަޝްރޫއުގައި ޖުމްލަ 111 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެމްޕެއިން ތެރޭގައި ދިއްދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ވީ ވައުދާ އެއްގޮތަށް އެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ދިއްދޫ ރައްޔިތުންނަށް ދެއްވާފައެވެ.
