ތޫފާން “ރަގާސަ”: ޗައިނާގެ ދެކުނަށް ބޮޑެތި ގެއްލުންތަކެއް

މި އަހަރުގެ މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ ތޫފާނު ކަމަށްވާ “ރަގާސަ” ޗައިނާގެ ދެކުނުގެ ސަރަހައްދުތަކަށް އަރައި، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޚާއްސަކޮށް ޔަންޖިއަންއަށް މި ތޫފާނުގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވާއިރު، މީގެ ކުރިން ޓައިވާނާއި ހޮންގ ކޮންގއަށް ވެސް މި ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ޓައިވާނަށް މި ތޫފާނުގެ އަސަރުކޮށްގެން 17 މީހުން މަރުވެފައިވާއިރު، ބޯކޮށް ވާރޭވެހި ކޯރެއް ބަންޑުންވުމުގެ ސަބަބުން އިތުރު 17 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ކެޓަގަރީ ފަހެއްގެ މި ބާރުގަދަ ތޫފާނުގެ ސަބަބުން ހޮންގ ކޮންގއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން 90 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ހޮންގ ކޮންގގެ ކަމާގުޅޭ އިދާރާތަކުން ބުނެއެވެ. އަދި 800 އަށް ވުރެ ގިނަ މީހުން ސަރުކާރުން ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައި ހިމާޔަތް ހޯދާފައިވާ ކަމަށް ވެސް އެ އިދާރާތަކުން ބުނެއެވެ.
މޫސުމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިހާރު ތޫފާނުގެ މިސްރާބު ހުރީ ޗައިނާގެ ގިނަ އަދަދަކަށް ތެޔޮ ކާރުޚާނާތައް ހުންނަ މަޔޯމިންއަށެވެ. ގުއާންޑޮން ސަރަޙައްދުގައި ރާޅުތަކުގެ އުސްމިން ނުވަ ފޫޓަށް އުފުލޭނެ ކަމަށް ވެސް އެ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
ތޫފާނު މިސްރާބު ޖަހާފައި ހުރި ޗައިނާގެ ދެކުނު އައްސޭރިފަށުގެ ސަހަރުތަކުގައި 50 މިލިއަނެއްހާ މީހުން ދިރިއުޅޭއިރު، އެންމެ ނާޒުކު ސަރަހައްދުތަކުން މިހާރު ވެސް ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގައި ބޭނުންކުރާ އާލަތްތަކާއެކު ކަމާގުޅޭ އިދާރާތައް ތައްޔާރީ ޙާލަތުގައި ތިބިކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.



