ޚަބަރު

ކޮވިޑް-19 ފެތުރުނީ ޗައިނާގެ ވުހާންގެ ލެބަކުން: ސީއައިއޭ

ކޮވިޑް-19 ބަލިމަޑުކަން ފެތުރުނީ ޗައިނާގެ ވުހާން ސިޓީގައި ހުރި ލެބަކުން އެކްސިޑެންޓަލްކޮށް ވައިރަސް ބޭރުވެގެން ކަމަށް ބުރަވާކަމަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީ.އައި.އޭ) އިން ބުނެފިއެވެ.

މިއީ ކުރިން ގަބޫލުކުރެވުނު ގޮތަށް ދިރޭ ޖަނަވާރު ވިއްކާ މާރުކޭޓަކުން ގުދުރަތީގޮތުން ފެތުރުނު ކަމެއް ނޫން ކަމަށް އެ އޭޖެންސީން ދެކޭކަމަށް ނިއު ޔޯކް ޓައިމްސްއިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

ސީ.އައި.އޭގެ މި ނިންމުމަށް އައިސްފައިވަނީ އައު އިންޓެލިޖެންސް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. ނަމަވެސް މިހާރު ލިބިފައިވާ ހެކިތައް އަލުން ދިރާސާކުރުމަށްފަހު ކަމަށް މި މައްސަލައާ ގުޅުންހުރި އޮފިޝަލުން ބުނެފައިވެއެވެ. މީގެ ތެރޭގައި ބަލިމަޑުކަން ފެތުރުނު ދުވަސްވަރު ވުހާންގައި ހުރި ސެކިއުރިޓީ ލެވެލް މަތީ ލެބޯޓަރީތަކުގެ ހާލަތު ވަނީ ގާތުން ބަލާފައެވެ.

ސީ.އައި.އޭގެ ސްޕޯކްސްޕަރސަނަކު ބުނެފައިވާ ގޮތުގައި އެހެން ތިއަރީތަކަކީވެސް އަދިވެސް ގަބޫލުކުރެވޭ ކަންކަން ކަމަށާއި، އިތުރު އާ މައުލޫމާތެއް ލިބިއްޖެނަމަ އެކަމެއް ދިރާސާކުރާނެ ކަމަށެވެ.

ސީ.އައި.އޭގެ އައު ޑިރެކްޓަރުގެ މަގާމަށް ޖޯން ރެޓްކްލިފް، ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓްކުރުމަށްފަހު މިދިޔަ ހަފްތާގައި އެމެރިކާގެ ސެނެޓުން ފާސްކޮށް އައްޔަން ކޮށްފައިވެއެވެ. ރެޓްކްލިފް އަކީ ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން ވައިރަސް ލީކްވެގެން ބަލިމަޑުކަން ފެތުރުނު ކަމަށް ގަބޫލުކުރާ ފަރާތެކެވެ.

ހުކުރު ދުވަހު އެ މަގާމާ ހަވާލުވުމަށްފަހު ދިން އިންޓަވިއުއެއްގައި ރެޓްކްލިފް ބުނެފައިވަނީ އޭނާގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ބަލިމަޑުކަން ފެތުރުނު ގޮތާ ބެހޭ ގޮތުން ސީ.އައި.އޭ އިން ދެކޭގޮތް އާންމުކޮށް ހާމަކުރުން ހިމެނޭ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close