ޕެރަގުއޭގެ ސަރުކާރުން ޗައިނާގެ އިސް ޑިޕްލޮމެޓެއް ކަމުގައިވާ ޒޫ ވެއި ޤައުމުން ބޭރުކޮށްލައިފިއެވެ.
މި ފިޔަވަޅު އަޅާފައިވަނީ އޭނާ ޕެރަގުއޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ޓައިވާނާއެކު އޮތް ގުޅުން ކަނޑާލުމަށް ގޮވާލުމާ ގުޅިގެން ކަމަށް ޕެރަގުއޭއިން ބުނެއެވެ.
ބުރާސްފަތި ދުވަހު ޕެރަގުއޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ޒޫ ވެއިޒޫ ވެއިގެ ވިސާ ބާޠިލްކޮށް، އޭނާއަކީ “ޕަރސޯނާ ނޮން ގްރާޓާ” (ސިޔާސީގޮތުން ބަލައި ނުގަންނަ) މީހެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ޤައުމުން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޒޫ ވެއި ޕެރަގުއޭއަށް ޒިޔާރަތްކޮށްފައިވަނީ އދ. ގެ ޔުނެސްކޯގެ އަހަރީ ބައްދަލުވުމެއްގައި ބައިވެރިވުމަށެވެ. ނަމަވެސް އޭނާ ބައްދަލުވުމަށް ހާޒިރުނުވެ، އޭގެ ބަދަލުގައި ވަނީ ވެރިރަށް އަސުންސިއޯންގެ ޕާލިމަންޓަށް ގޮސް، ޓައިވާނާ އެކު އޮތް ގުޅުން ކަނޑާލުމަށް ގޮވާލާފައެވެ.
ޕެރަގުއޭއަކީ ދެކުނު އެމެރިކާގައި ޓައިވާން ގަބޫލުކުރާ ހަމައެކަނި ޤައުމެވެ. އަދި މުޅި ދުނިޔޭގައި ޓައިވާން ގަބޫލުކުރާ 12 ޤައުމުގެ ތެރެއިން އެއް ޤައުމެވެ.
ޗައިނާއިން ޓައިވާން ބަލަނީ އެ ޤައުމުގެ ސަރަޙައްދެއްގެ ގޮތުގައެވެ. އަދި އެހެން ޤައުމުތަކުން ޓައިވާނާ އެކު ގުޅުން ބާއްވަމުން ދިއުމާމެދު ޗައިނާއިން ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.
ފާއިތުވި އަހަރުތަކުގައި ލެޓިން އެމެރިކާގެ ހޮންޑިއުރަސް، ޕެނަމާ، ޑޮމިނިކަން ރިޕަބްލިކް އަދި އެލް ސަލްވަޑޯ ފަދަ ޤައުމުތަކުން ވަނީ ޓައިވާނާ އެކު އޮތް ގުޅުން ކަނޑާލާފައެވެ. އަދި ޗައިނާއާ އެކު ގުޅުން ބަދަހިކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...