ޗައިނާގެ ދިފާޢީ ވަޒީރުގެ ކޮރަޕްޝަނުގެ މައްސަލައެއް ބަލަން ފަށައިފި

ޗައިނާގެ ދިފާއީ ވަޒީރު ޑޮންގ ޖޫން އަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަނުގެ މައްސަލައެއް ބަލަން ފަށައިފިއެވެ.
އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ ބްރިޓިޝް ނޫސް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތަޙްޤީޤަކީ ޗައިނާގެ ސިފައިންގެ ތެރޭގައި ހިނގާ ކޮރަޕްޝަނާ ގުޅޭ ގޮތުން ކުރެވޭ ފުޅާ ދާއިރާއެއްގެ ތަޙްޤީޤުގެ ބައެކެވެ.
މި މައްސަލައާ ގުޅޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީއާއި ވޮޝިންގްޓަންގައި ހުރި އެ ޤައުމުގެ އެމްބަސީން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ.
މި މައުލޫމާތު ޞައްޙަ ކަމަށްވާނަމަ، ޑޮންގ ޖޫންއަކީ ވިދިވިދިގެން ކޮރަޕްޝަނުގެ ތަޙްޤީޤުގެ ދަށަށް ގެނެވޭ ތިންވަނަ ދިފާއީ ވަޒީރު ކަމަށް ވާނެއެވެ.
ކުރީގެ ނޭވީ ކޮމާންޑަރެއް ކަމަށްވާ ޑޮންގ ޖޫން ދިފާއީ ވަޒީރުކަމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭނާގެ ކުރިން މި މަޤާމުގައި ހުރި ލީ ޝަންގްފޫ ވަނީ މަޤާމުން ވަކިކޮށް، ރިޝްވަތު ނެގުމުގެ ތުހުމަތުގައި ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ވަކިކޮށްފައެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ފާއިތުވި އަހަރު ސިފައިންގެ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އަމުރުކުރައްވާފައެވެ. އަދި މި މަހު ސިފައިންގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށާއި ހަނގުރާމައަކަށް ތައްޔާރުވުމަށް އަމުރުކުރައްވާފައިވެއެވެ.
ސިފައިންގެ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމަށް މިހާ ބާރަށް މަސައްކަތްކުރަމުންދާ އެއް ސަބަބަކީ ކުރިމަގުގައި ހަނގުރާމައެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ޗައިނާގެ ޤާބިލުކަމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު އޮތުން ކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވެއެވެ. ޚާއްޞަކޮށް ޗައިނާގެ ސިއްރު ރޮކެޓް ފޯސްއަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެވިފައެވެ.
ޖުލައި މަހު ވެސް ވަނީ ޗައިނާގެ ރޮކެޓް ފޯސްގެ އިސް އޮފިޝަލެއް ކަމަށްވާ ސަން ޖިންމިންގެ ކޮރަޕްޝަނުގެ މައްސަލައެއް ތަހުގީގުކޮށްފައެވެ. ސަރުކާރުގެ ނޫސް އޭޖެންސީ ޝިންހުއާއިން ބުނެފައިވާ ގޮތުގައި ސަން ވަނީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ވަކިކޮށް، “ޕާޓީގެ ޤަވާއިދާއި ޤާނޫނުތަކާ ޚިލާފުވުމުގެ” ތުހުމަތުގައި ކުށްވެރިވެފައެވެ.
ޗައިނާގެ ސިފައިންގެ ތެރޭގައި އަލަށް އުފައްދާފައިވާ ޔުނިޓެއް ކަމަށްވާ ރޮކެޓް ފޯސްއާ ގުޅުންހުރި މަދުވެގެން އިތުރު ދެ އިސް އޮފިސަރަކު މީގެކުރިން ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި މަޤާމުން ވަކިކުރެވިފައެވެ.

