ޚަބަރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އަދި ނައިބުރައީސަކަށް ނާޒިމު

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އަދި ނައިބުރައީސަކަށް ނާޒިމު

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އަދި ނައިބުރައީސަކަށް ނާޒިމު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މި މަހުގެ 28 ވަނަ ދުވަހުގައި ހުވައިކުރާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މުޝީރު ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުއްރަހީމް އަބްދުﷲ އަދި ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ނާޒިމް މަޖިލީހުގެ ނައިބުރައީސްކަމަށް އައްޔަންކުރުމަށް ޕީއެންސީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ލިބިފައިވާ ޕީއެންސީން އެ ދެ ބޭފުޅުން މަޖިލީހުގެ ރައީސްކަމަށާއި ނައިބުރައީސްކަމަށް ގެނައުމަށް ނިންމާފައިވަނީ މިއަދު މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކެބިނެޓުގެ ވަޒީރުންނާއި ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެންބަރުންނާއެކު ކުރިއަށްގެންދާ ބައްދަލުވުމުގައެވެ.

އަބްދުއްރަހީމަކީ ފާއިތުވި 5 އަހަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމުގައި އެެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. ޕީއެންސީގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމަކީ އެއިރު އެކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމުން ވަގުތީ ގޮތުން ޕާޓީއާ ހަވާލުވެވަޑައިގެން ހުންނެވި ލީޑަރެވެ.

ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާފައިވާ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ މަތީ މަޤާމުތައް އަދާކުރެއްވުމުގެ އިތުރަށް ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމަށް އަދި ނާޒިމު މަޖިލީހުގެ ނައިބުރައީސްކަމަށް ގެންނެވުމަށް ނިންމެވި ނިންމެވުމަކީ ސީދާ ރައީސް ޑރ.މުޢިއްޒުގެ ނިންމެވުމެކެވެ.

މަޖިލީހުގެ ރިޔާސަތަށް ބޭފުޅުން އައްޔަންކުރެއްވުމުގެ އިތުރަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ މަޤާމުތަކަށްވެސް ބޭފުޅުން ހަމަޖައްސަވާފައިވެއެވެ. ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 74 މެންބަރުން ތިއްބަވާނެއެވެ.

ޓެގް

ޢަބުދުއްރަހީމް ރައްޔިތުންގެ މަޖިލިސް ނާޒިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.