ޕޫޓިންއާ އެންމެ ކައިރިން ވާދަކުރައްވާނެކަމަށް ބެލެވޭ ސިޔާސީ ލީޑަރު ޖަލުގައި މަރުވެއްޖެ

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ އެންމެ ކައިރިން ވާދަ ކުރާނެކަމަށް ބެލެމުން އައި އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީ ޖަލުގައި ހުއްޓާ މަރުވެއްޖެއެވެ.
ނަވަލްނީ ޖަލުގައި ހުއްޓާ މަރުވެފައިވާކަމަށް އެގައުމުގެ ޕްރިޒަން ސަރވިސް އިން ކަށަވަރު ކޮށްދީފައިވާއިރު، ނަވަލްނީ ހުރީ 19 އަހަރުގެ ޖަލުހުކުމެއްގައި އެންމެ ބޮޑެތި ކުށްވެރިން ބައިތިއްބާ އާކްޓިކް ސަރކަލް ކިޔާ ޖަލުގައެވެ. އެއީ ރަޝިޔާގެ އެންމެ ފިނި ހިސާބުގައި ހަދާފައިވާ ބޮޑު ޖަލެކެވެ. އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޓެރަރިޒަމް އަށް ޚަރަދު ކުރިކަމުގެ ކުށުގައެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހުކުމަކީ ސިޔާސީ މަގްސަދެއްގައި އިއްވާފައިވާ ސިޔާސީ ހުކުމެކެވެ.
އާކްޓީކް ޕީނަލް ކޮލޮނީ ގެ ޕްރިޒަން ސަރވިސް އިން ބުނެފައިވާ ގޮތުގައި ނަވަލްނީ ހުކުރު ދުވަހު ހިންގާލަން ނެރުމަށްފަހު ކުއްލިއަކަށް ބަލިވީއެވެ. އަދި ވަގުތުން ހޭނެތުނީއެވެ. ޕްރިޒަން ސަރވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ވަގުތުން އިމަރޖެންސީ މެޑިކަލްޓީމެއް ހާޒިރުކޮށް އޭނަސަލާމަތް ކުރެވޭތޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބް ވެފައެވެ.
ނަވަލްނީގެ މަރުގެ ހަބަރާއެކު ދުނިޔޭގެ ކަންކޮޅުތަކުން އެކި ފަރާތްތަކުން ގެންދަވަނީ ކަންބޮޑުވުމާ ހިތާމައިގެ ޝުއޫރުތައް ފާޅުކުރައްވަމުންނެވެ.
ނަވަލްނީގެ ލޯޔަރުވަނީ އަދި މިވަގުތު އޭނާ އެއްޗެއް ނުބުނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެހެން އިސްވަކީލަކުވަނީ ނަވަލްނީ ރަޝިޔާ ސަރުކާރުން މަރާލީ ކަމަށްބުނެ އެކްސްގައި ޕޯސްޓް ކޮށްފައެވެ.
އެލެކްސީ ނަވަލްނީ އަކީ ރަޝިއާގެ މަޝްހޫރު އިދިކޮޅު ލީޑަރެއްގެ އިތުރުން ކޮރަޕްޝަނާ ދެކޮޅު އެކްޓިވިސްޓެއް ގެ އިތުރުން ރައީސް ވްލަޑިމިއާ ޕޫޓިންއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅެވެ. ރަޝިއާގައި އެންމެ ފުރަތަމަ ގައުމީ މަޝްހޫރުކަން ހޯއްދެވީ 2008 ވަނަ އަހަރު އޭނާގެ ބްލޮގް މެދުވެރިކޮށް ރަޝިއާގެ އޮފިޝަލުންގެ މެދުގައި ކޮރަޕްޝަންގެ އަމަލުތައް ހާމަކޮށްގެންނެވެ. އޭގެ ފަހުން ނަވަލްނީ ވަނީ އެންޓި ކޮރަޕްޝަން ފައުންޑޭޝަން އުފައްދައި މަގުމަތީގައި ބޮޑެތި މުޒާހަރާތައް ބާއްވައިފަ އެވެ.
ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އޭނާ އެތައް ފަހަރެއްގެ މަތިން ޖަލަށް ލާފައިވަނީ ޕުޓިންގެ ސަރުކާރާ ދެކޮޅު ހެދުމުގެ ސަބަބުންނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ސައިބީރިއާއިން މޮސްކޯއަށް ދަތުރުކުރި ފްލައިޓެއްގައި ނަވަލްނީ ވަރަށް ބޮޑަށް ބަލިވެ، ނާވް އޭޖެންޓަކުން ވިހަ ޖެހުމުން ފަރުވާ އަށް ޖަރުމަނަށް ގެންދެވުނެވެ. ބަލިން ރަނގަޅުވުމަށްފަހު 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެނބުރި ރަޝިއާއަށް ވަޑައިގަތުމަށްފަހު، ސިޔާސީ މަގްސަދެއްގައި ކަމަށް ބުނެ ބައިނަލްއަގުވާމީ ފެންވަރުގައި ފާޑުކިޔަމުންދާ ކަމުގެ ތުހުމަތުގައި ވަގުތުން ހައްޔަރުކޮށް 19 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.


