ޓެކްނޮލޮޖީ

ހަކުރު ބަލިން ފަސޭހަ ކޮށްދޭ ޓީ ބޭގެއް ސައިންސްވެރިން އުފައްދައިފި

ހަކުރުބަލި މެނޭޖްކުރާ “ޓީ ބެގް” އިމްޕްލާންޓެއް ސައިންސްވެރިން އުފައްދައިފިއެވެ. މިއީ ހަށިގަނޑުގައި ހުންނަ އިތުރު ހަކުރުގެ އެހީގައި ހަކަތަ އުފައްދައިގެން މަސައްކަތް ކުރާ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ.

ސްވިޒަލޭންޑްގެ ބާސެލްގެ އީޓީއެޗް ޒޫރިޗްގައި އުފައްދާފައިވާ މި ޑިވައިސް އިން ބަލިމީހާގެ ލޭގައި ހަކުރު ހުންނަ މިންވަރަށް ބަލައިގެން އިންސިއުލިން ދޫކުރެވޭއިރު، މިއީ އާންމުކޮށް ހަށިގަނޑުގެ ބޭރުގައި ހަރުކޮށްފައިވާ އިންސިއުލިން ޕަމްޕަކުން ބެލެހެއްޓޭ މަސައްކަތެކެވެ.

ޓައިޕް 1 ހަކުރުބައްޔަކީ މުޅި ދުނިޔޭގައި އެތައް މިލިއަން ބަޔަކަށް ޖެހޭ ދިގުދެމިގެންދާ ބައްޔެކެވެ. އެއީ ދިފާއީ ނިޒާމުން ޕެންކްރިއާސްގައި ހުންނަ އިންސިއުލިން އުފައްދާ ސެލްތައް ހަލާކުކޮށް، ލޭގައި ހަކުރުގެ މިންވަރު މަތިވެ، އެކިއެކި އުދަނގޫތައް ކުރިމަތިވުމުން ދިމާވާ ކަމެކެވެ. ޓައިޕް 1 ހަކުރުބަލި ހުންނަ މީހުން ލޭގެ ގްލޫކޯޒް މޮނިޓަރކޮށް، އިންސިއުލިން ކޮންޓްރޯލްކޮށް ބެހެއްޓުމަށްޓަކައި ގަވާއިދުން އިންސިއުލިން އިންޖެކްޓް ކުރަން ޖެހެ އެވެ.

ނަމަވެސް އީޓީއެޗް ޒޫރިކްގެ ސައިންސްވެރިންގެ ޓީމަކުން ވަނީ ޓައިޕް 1 ހަކުރުބަލީގެ ފަރުވާއަށް އިންގިލާބެއް ގެނެސްދޭނެ އާ އިމްޕްލާންޓެބަލް ޑިވައިސްއެއް އުފައްދާފައެވެ. ސައިފަތް ޕެކެޓަކާ ވައްތަރު މި ޑިވައިސް އިން ހަށިގަނޑުގައި ހުންނަ އިތުރު ގްލޫކޯޒް އިން ކަރަންޓް އުފައްދައި، ބޭނުންވާ ގޮތަށް އިންސިއުލިން އުފައްދައި ދޫކުރާ އާޓިފިޝަލް ބީޓާ ސެލްތައް ސްޓިމިއުލޭޓް ކުރުމަށް ބޭނުން ކުރެވޭނެ އެވެ.

މި ޑިވައިސް އެކުލެވިގެންވަނީ އަލްގޭ އިން އުފައްދާ ބަޔޯކޮމްޕެޓިބަލް މެޓީރިއަލްއެއް ކަމަށްވާ އެލްޖިނެޓް އިން ކޯޓްކޮށްފައިވާ ނޮންވޯވެން ފޭބްރިކެއްގެ މައްޗަށެވެ. މި ފޮތިގަނޑަކީ ވަށައިގެންވާ ޓިޝޫ ފްލޫޑުން ގްލޫކޯޒް ޑިވައިސްއަށް ވަދެވޭ ފިލްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފޮތިގަނޑެކެވެ. މި ޑިވައިސްގެ ތެރޭގައި ކޮޕާ އަށް ބިނާކޮށްފައިވާ ނެނޯޕާޓިކަލް އެނޯޑެއް ހުރެ، ގްލޫކޯޒް ގްލޫކޯނިކް އެސިޑާއި ޕްރޮޓޯން އަށް ބަހާލައިގެން އިލެކްޓްރިކް ކަރަންޓެއް އުފައްދަ އެވެ. އެއަށްފަހު މި ކަރަންޓުން ޖެނެޓިކަލީ މަޑީފައިޑް އިންސާނީ ސެލްތަކުން ހަދާފައިވާ އާޓިފިޝަލް ބީޓާ ސެލްތައް އެކްޓިވޭޓްކޮށް، އެ ސެލްތަކުން ވޯލްޓޭޖް އިހުސާސްކޮށް، އެއަށް ރިއާޔަތްކޮށް އިންސިއުލިން ސެކްރެޓް ކުރެވެ އެވެ.

މި ޑިވައިސް ފަރުމާކޮށްފައިވަނީ ހަށިގަނޑުގެ ހަމުގެ ދަށުގައި އިންޕްލާންޓްކޮށް، ލޭގައި ގްލޫކޯޒްގެ މިންވަރާއި ޑިވައިސްގެ ހާލަތު މޮނިޓަރ ކުރެވޭ ސްމާޓްފޯން އެޕަކާ މުއާމަލާތް ކުރެވޭ ގޮތަށެވެ. އަދި ބޭނުން ނަމަ ފަސޭހަކަމާއެކު އެ ޑިވައިސް ވެސް ނަގައިލެވޭނެ އެވެ. ދިރާސާވެރިން ވަނީ ފާއިތުވެ ދިޔަ މަސްތަކުގައި މި ޑިވައިސް ޓެސްޓްކޮށް، އެތައް ދުވަހެއް ވަންދެން އެމީހުންގެ ލޭގައި ގްލޫކޯޒްގެ މިންވަރު ކާމިޔާބުކަމާއެކު ރެގިއުލޭޓް ކުރެވޭނެ އެއްޗެއްކަން ފާހަގަކޮށްފަ އެވެ.

ދިރާސާވެރިން އުންމީދުކުރާ ގޮތުގައި އެމީހުންގެ ޑިވައިސް އިން ކުރިއަށް އޮތްތަނުގައި ޓައިޕް 1 ހަކުރުބަލި މެނޭޖްކުރުމަށް ފަސޭހަ އަދި ފައިދާހުރި ގޮތެއް ފެނިގެން ދާނެއެވެ. ބޭރުގެ ކަރަންޓް ސޯސްތަކަށް ނުވަތަ އިންޖެކްޝަންތަކަށް ބަރޯސާ ނުވެ ވަރަށް ފަސޭހައިން މިކަން ހައްލުވާނެއެވެ. އަދި ހަށިގަނޑު ފަލަވުން ނުވަތަ ކެންސަރު ފަދަ އިތުރު ގްލޫކޯޒް ހިމެނޭ އެހެން މެޓަބޮލިކް ޑިސްއޯޑަރސްތަކަށް ފަރުވާ ދިނުމަށް އެ ޑިވައިސް އެޑެޕްޓް ކުރެވިދާނެ ކަމަށް ވެސް އެމީހުން ގަބޫލުކުރެ އެވެ.

މި ޑިވައިސް އަދިވެސް އޮތީ ޕްރޮޓޯޓައިޕް މަރުހަލާގައި ކަމަށްވާއިރު، އިންސާނުންގެ ގައިގައި ބޭނުން ކުރުމުގެ ކުރިން އިތުރަށް ޓެސްޓްކޮށް އޮޕްޓިމައިޒް ކުރަން ޖެހޭނެއެވެ. އެ ދިރާސާވެރިން ހޯދަމުންދަނީ އެމީހުންގެ އީޖާދު ބާޒާރަށް ނެރުމަށް އެހީތެރިވެދޭނެ އިންޑަސްޓްރީ ޕާޓްނަރެކެވެ. އެމީހުންގެ މަސައްކަތް ވަނީ އެޑްވާންސްޑް މެޓީރިއަލްސް ޖާނަލްގައި ޝާއިއުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close