ނިޝާމާގެ ފިރިމީހާ ފައިސަލް ގޮޅިތެރޭގައި ދަންޖެހިއްޖެ
ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު މަރާލި ކަމަށް ތުހުމަތު ބަންދުކޮށްފައި ހުރި އޭނާގެ ފިރިމީހާ, އަބޫބަކުރު ފައިސަލް (32އ) ދަން ޖެހިއްޖެއެވެ. އޭނާ ދަން ޖެހުނީ މިރޭގެ ވަގުތެއްގައެވެ.
ފައިސަލް ހުރީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ތިބޭ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން ބުނީ ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި “ދަންޖެހެން މަސައްކަތް ކުރަނިކޮށް” ރޭ 23:15 ހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އައިސީޔޫގައި ފައިސަލް އަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު އޭނާގެ ފުރާނަ ހުރިކަމެއް ނުވަތަ ނޫންކަމެއް އަދިސާފެއް ނުވެއެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރުސީއެމް އަދި ނެޝަނަލް އިންޓަގިރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ނިޝާމާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ފައިސަލް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޓީމެއް ވެސް ނޮޅިވަރަމްގައި ހަރަކާތްތެރިވެއެވެ.
އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި ނިޝާމާ މަރާލީ ފައިސަލްއެވެ.
އާއިލާ އިން ބުނި ގޮތުގައި ދެ މީހުންގެ ދެމެދު ޒުވާބު ކުރުމާއި މާރާމާރީ ހިންގުން ފަދަ ކަންކަން ހިނގައެވެ. އަދި ނިޝާމާގެ އެންމެ ފަހު ވަގުތުކޮޅު، އޭނާއާ އެންމެ ކައިރީގައި ހުރީ ފައިސަލް ކަމަށް ބުނެފައިވެއެވެ. އެ ކަން ހިނގުމާއެކު، ފިރިމީހާ ރަށުން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދިއުމަކީ ވެސް އާއިލާ އިން ފައިސަލް އާ މެދުގައި ކުރާ ޝައްކުތައް އިތުރަށް ބޮޑުވި ކަމެކެވެ.
ނިޝާމާގެ އާއިލާގެ މީހުންނާއި ރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ފައިސަލްއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުންނަ މީހެކެވެ. އެކަމަކު، އޭނާއާ މެދުގައި އެއްވެސް ފިޔަވަޅެއް ފުލުހުން އަޅާފައި ނުވާ ކަމަށްވެއެވެ.
ފައިސަލްއަކީ އދ. ފެންފުށީ ރައްޔިތެކެވެ. އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.