ނިއުކްލިއާ ހަނގުރާމައެއްގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށް ވްލަޑިމިއާ ޕޫޓިން ވިދާޅުވެފައިވީ ނަމަވެސް ރަޝިޔާ އޮތީ “މޮޔަވެފައި” ނޫން ކަމަށާއި ފުރަތަމަ ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ އަހަރީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޫޓިން ވަނީ ޔޫކްރޭންގެ ހަނގުރާމައަކީ “ދިގު ޕްރޮސެސްއަކަށް” ވެސް ވެދާނެ ހަނގުރާމައެއް ކަމަށް ވިދާޅުވެފަ އެވެ.
ހުޅަނގުގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ޕޫޓިން ފުރަތަމަ ރޭވީ ހަލުވި ކާމިޔާބީއެއް ހޯދުމަށެވެ.
ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ ގާބިލްކަން ލިބިފައިވާ ރަޝިޔާއިން ވަނީ ފެބްރުއަރީ މަހު ޔޫކްރޭނަށް އަރައިގަތުމަށްފަހު އިތުރު ހަރުފަތަކަށް ހަނގުރާމަ ގެންދަން ޖެހިއްޖެނަމަ ނިއުކްލިއާ ބޭނުންކުރަން ޖެހިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.
“މިފަދަ ނުރައްކަލެއް ބޮޑުވަމުން އަންނައިރު، އެކަން ފޮރުވުމަކީ ގޯހެއް،” މޮސްކޯއިން ވީޑިއޯ ލިންކުން ނިއުކްލިއާ ހަނގުރާމައިގެ ފުރުސަތު އޮތް ކަމަށް ވާހަކަ ދައްކަވަމުން ޕޫޓިން އިންޒާރު ދެއްވި އެވެ.
އެކަމަކު އޭނާ ސާބިތުކޮށްދިނީ ރަޝިޔާއިން “އެއްވެސް ހާލަތެއްގައި” ފުރަތަމަ އެ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށާއި، ނިއުކްލިއާ ހަތިޔާރުން އެއްވެސް މީހަކަށް އިންޒާރު ނުދޭނެ ކަމަށެވެ.
“އަޅުގަނޑުމެން މޮޔައެއް ނުވޭ، ނިއުކްލިއާ ހަތިޔާރަކީ ކޮބައިކަން އެނގޭ،” އޭނާ ވިދާޅުވި އެވެ.
އަދި ދުނިޔޭގައި ހުރި އެންމެ ޒަމާނީ އަދި އެންމެ ޒަމާނީ ނިއުކްލިއާ ހަތިޔާރު ރަޝިޔާގައި ހުރި ކަމަށް ވެސް ޕޫޓިން ބޮޑާ ކަމާއެކު ވިދާޅުވިއިރު، ނިއުކްލިއާ ސްޓްރެޓެޖީ އެމެރިކާއާ ރަޝިއާއި ތަފާތު ކުރެއްވި އެވެ.
މީގެ ކުރިން ޕޫޓިން ވަނީ ރަޝިޔާގެ ނިއުކްލިއާ ޑޮކްޓްރިންގައި ހުއްދަ ދީފައިވަނީ ހަމައެކަނި ދިފާއީ ގޮތުން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...