ހޫތީންގެ ހަމަލާތައް އިނގިރޭސިވިލާތާއި، އެމެރިކާ އިން ކުށްވެރިކޮށް، ގަލްފުގެ ސަލާމަތަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފި
ސައުދީ އަރަބިއްޔާ، ޔޫއޭއީ، އިނގިރޭސިވިލާތް، އެމެރިކާ އަދި އޮމާން އިން ހޫތީންގެ ހަމަލާތައް ކުށްވެރިކޮށް ހޫތީންގެ ހަމަލާތަކުން ދިފާޢުވުމަށްޓަކައި، ގުޅިގެން މަސައްކަތްކުރުމަށް ނިންމައިފިއެވެ.
އެގޮތުން ސައުދީ އަރަބިއްޔާއާއި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ހުންނަ މަދަނީ ސައިޓްތަކަށް އަމާޒުކޮށް ދިން ހަމަލާތައް ކުށްވެރިކޮށް، ގަލްފުގެ ގައުމުތަކުގެ ގައުމީ ސަލާމަތަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ސައުދީ ގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
ސައުދީ އަރަބިއްޔާއާއި ޔޫއޭއީއަށް ދާދިފަހުން އަމާޒުކޮށް ޔަމަނުގެ އީރާނުން ވާގިވެރިވާ ހޫތީން ދިން ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މި ފަސް ގައުމުގެ އިސް މަންދޫބުން ބުދަ ދުވަހު ވަނީ ބައްދަލުކުރައްވާފައެވެ. ފަސް ޤައުމުގެ މަންދޫބު ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ގަލްފުގެ ގައުމުތަކުގައި ހުރި މަދަނީ ސައިޓްތަކަށް އަމާޒުކޮށް ހޫތީން ފޮނުވާލި މިސައިލް ހަމަލާތަކަށް ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އިން ވެސް ވަނީ ފާއިތުވެ ދިޔަ ދެ ހަފުތާގެ ތެރޭގައި ހުރަސް އަޅާ މިސައިލްތައް އަމާޒަށް ވާޞިލް ވިޔަ ނުދީ ހަލާކުކޮށްލާފައެވެ.
“ޔަމަނުގެ އެތެރޭގެ އާންމުންނާ ދެކޮޅަށް ހޫތީން ތަކުރާރުކޮށް ދެމުންދާ ހަމަލާތައް ކުއިންޓް އިން ހަރުކަށި އިބާރާތުން ކުށްވެރިކުރަން، އޭގެ ތެރޭގައި ސަނާގައި ތިބި އެމެރިކާގެ ލޯކަލް ސްޓާފުންނާއި، ސައުދީ އަރަބިއްޔާއާއި ޔޫއޭއީއާ ދެކޮޅަށް ދެމުންގެންދާ ވަރުގަދަ ޓެރަރިސްޓް ހަމަލާތައް ވެސް ހިމެނޭ. މިފަދަ އަމަލުތަކުގެ ސަބަބުން ސުލްހައިގެ މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށާއި އެކަމުގެ ސަބަބުން ނުތަނަވަސްކަން ދަނީ އިތުރުވަމުން ކަމަށް ބަޔާނުގައި ވެއެވެ.
އަދި “ކުއިންޓް އިން ވަނީ ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އަށް ފުރިހަމަ އަށް ތާއީދުކޮށް، ގައުމީ ސަލާމަތާ ގުޅޭ ސައްހަ ކަންބޮޑުވުންތަކަށް ތާއީދުކޮށް ހޫތީންދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައި. ކުއިންޓް ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ޓެރަރިސްޓް ހަމަލާތަކުން ދިފާއުވުމަށާއި ބައިނަލްއަގްވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނުތަކަށް އަމަލުކުރުމުގެ ހައްގު ސައުދީ އަރަބިއްޔާއާއި ޔޫއޭއީއަށް ލިބިގެންވާ ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.




