ބަނގުރަލާއެކު ތޮއްޑޫން މީހަކު ހައްޔަރުކޮށްފި
ބަނގުރަލާއެކު އއ.ތޮއްޑޫން މީހަކު ހައްޔަރުކޮށްފިއެވެ.
މިމީހާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. ތޮއްޑޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ ހުރި ގެސްޓުހައުސް ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ބަނގުރާ ހުރި ފުޅިތަކެއް ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ތޮއްޑޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
