ކޮވިޑް-19ގެ އާ ސްޓްރެއިން އޯމައިކްރޯންއަކީ ‘ކަންބޮޑުވާ ވޭރިއަންޓް’ގެ ގޮތުގައި ކަނޑައަޅައިފި
ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއަކީ “ކަންބޮޑުވާ ވޭރިއަންޓެއް” ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.
ޑަބްލިއުއެޗްއޯގެ އެޑްވައިޒަރީ ޕެނަލަކުން ހުކުރު ދުވަހު ބުނީ އޯމައިކްރޯން ގެ ނަމުން ނަންދީފައިވާ 1.1529B ގެ އާ ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން ގެ ނުރައްކާ އިތުރުވާ ކަމަށެވެ.
ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމައިކްރޯން އުފެދުމާ ގުޅިގެން ދުނިޔޭގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިންތިހާއަށް ކަންބޮޑުވެ، އެއަށް ރައްދު ދީފައެވެ. އޭގެ ފަހުން ބެލްޖިއަމް، އިޒްރޭލް، ބޮޓްސްވާނާ އަދި ހޮންގްކޮންގްއިން ވެސް ވަނީ އޮމައިކްރޯން ފެނިފައެވެ.
މިއުޓޭޝަން އަކީ ވެކްސިން-ރެސިސްޓެންޓް މިއުޓޭޝަނެއްތޯ ބެލުމަށް ދިރާސާކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިވިލާތް ގުޅިގެން ދެކުނު އެފްރިކާގެ ގިނަ ގައުމުތަކަކުން ދަތުރުވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު ތަކެއް އަޅާފައިވާއިރު، އެމެރިކާއިން ވަނީ އަންނަ ހޯމަ ދުވަހު ވެސް މިފަދަ ފިޔަވަޅުތަކެއް އަޅަން ފަށާނެ ކަން ހާމަކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ ކޮވިޑް-19 ޓެކްނިކަލް ލީޑް މާރިއާ ވޭން ކެރްޚޯވް ހުކުރު ދުވަހު ވިދާޅުވީ، އޯމައިކްރޯން “ކަންބޮޑުވާ ވޭރިއަންޓެއް” ގެ ގޮތުގައި ކަނޑައެޅީ، އޭގައި ބައެއް “ކަންބޮޑުވާ” ޕްރޮޕަޓީތައް ހުރުމުން ކަމަށެވެ.
“އޭގައި ގިނަ އަދަދެއްގެ މިއުޓޭޝަންތައް އެބަހުރި، އަދި އޭގެ ތެރެއިން ބައެއް މިއުޓޭޝަންތަކުގައި ކަންބޮޑުވާ ބައެއް ސިފަތައް އެބަހުރި،” ވޭން ކެރްޚޯވް ޓްވިޓާގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވެއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، އޯމައިކްރޯންގެ ނުރައްކާތެރިކަމާއި، ޓްރާންސްމިސިބިލިޓީ އާއި، ސިފަތައް އެންމެ ރަނގަޅަށް ދެނެގަތުމަށްޓަކައި ދެކުނު އެފްރިކާއާއި އެހެން ގައުމުތަކުގައި ގިނަ ދިރާސާތަކެއް ކުރަމުންދާ ކަމަށެވެ.
