ރާއްޖޭގެ އެންމެބޮޑު ފެންއަރުވާ ވަޑާން ސެންޓްރަލް ޕާކުގައި ހުޅުވައިފި
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުޅުވައިފިއެވެ.
މި ފެންއަރުވާ ވަޑާން ހުޅުއްވައި ދެއްވީ ރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
ޕާކުގެ އިރު އުތުރު ސަރަހައްދުގައި ހެދި މި ތަނުގައި ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކޮށްފައި ވަނީ މިއުޒިކާއި ލައިޓާ އެއްވަރަކަށް ހަރަކާތްކުރާ ގޮތަށެވެ. ޖުމްލަ 20،021 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާފައިވާ މިތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރައެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ މީހުންނަށް މި ބިނާ ވަރަށް ފުރިހަމަ، ހިތްގައިމު ތަނަކަށް ވެގެންދާނެ ކަމަށެވެ.
އެއްފަހަރާ ގިނަ ބަޔަކު ހުޅުމާލޭ ފޭސް ދެއަކަށް ބަދަލުވަމުން އަންނަ ކަން ފާހަގަ ކުރައްވައި ސުހެއިލް ވިދާޅުވީ އެ ސަރަހައްދުގައި ވެސް ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު ގިނަ މަޝްރޫއުތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ.
ސެންޓްރަލް ޕާކުގައި މިރޭ ހުޅުވި ފެންއަރުވާ ވަޑާމަކީ ތުރުކީގެ ކުންފުންޏެއް ކަމަށްވާ “އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް” ގެ މަސައްކަތެކެވެ.
އެޗްޑީސީއިން ބުނީ މި ކުލަގަދަ ހަފުލާގެ ގިނަ އަދަދެއްގެ މީހުންނާއި ކުދިން ފެނިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.



ފްލެޓްގެ ތަށި މުށި ޖަހާލިނަމަ ރަނގަޅު