ޚަބަރު

މީހުންނަށް އޮޅޭގޮތަށާ، ދޮގު މައުލޫމާތު ލިޔުމަކީ ނޫސްވެރިކަމެއް ނޫން – އަމްރު

މީހުންނަށް އޮޅޭގޮތަށާ، ދޮގު މައުލޫމާތު ލިޔުމަކީ ނޫސްވެރިކަމެއް ނޫން ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމުރު ވިދާޅުވެއްޖެއެވެ.

އަމުރު މިހެން ވިދާޅުވީ އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ 1183.7 އަކަފޫޓުގެ ގ. ވައިލެޓު އަބީރު، 8.4 މިލިއަން ރުފިޔާއަށް ބައްލަވައިގެންނެވި ވާހަކަ ބައެއް ނޫސްތަކުގައި ގެނެސްދީފައިވާ ގޮތާމެދު ހިތްޕުޅާ ނުވެގެންނެވެ.

އަމްރު މި ގޯތި ބައްލަވައިގަތުމާއެކު ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގޯއްޗަކީ 2017 ވަނަ އަހަރު އޭނާ ކުއްޔަށް ނަގައިގެން 3 ބުރީގެ އިމާރާތެއް ހަދާ ރެސްޓޯރެންޓެއް ހިންގަން ތައްޔާރުވި ގޯއްޗެއް ކަމަށެވެ. އަދި އޭނާ އެގޯތި ބައްލަވައި ގަތީ އެ ވިޔަފާރި ފެށުމަށް ތައްޔާރު ވެފައި ވަނިކޮށް ގޯތީގެ ވެރިފަރާތުން އެ ގޯތި ވިއްކާލުމަށް ބޭނުންވުމުން ކަމުގައި އަމްރު ވިދާޅުވެފައި ވެއެވެ. އޭނާ އެގޯތި ބައްލަވައިގަތީ އެހެންމީހަކު ގަނެފިނަމަ އެތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ ކަމަށެވެ.

މީސްމީޑިއާގައި ޢާއްމުން ކުރާ ތުހުމަތު ތަކަށް އަމްރު ރައްދު ދެއްވާ މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވި ނަމަވެސް އެ ގޯތި ބައްލަވައި ގަތުމަށް 8.4 މިލިއަން ރުފިޔާ ހޯއްދެވި ގޮތެއް ސީދާ ސާފުކޮށެއް ނުދެއްވައެވެ.

އަމްރު ވިދާޅުވީ، ގޯތީގެ ވެރިފަރާތުން ގޯތި އޭނައަށް ވިއްކަން ބޭނުންވުމުން ބޭންކަށް ފައިނޭންސް ހޯދުމަށް ހުށަހެޅުމުން އެތަނަށް 2017 ވަނަ އަހަރު ކޮށްފައިވާ އިންވެސްޓްމެންޓަށް ބެލުމަށްފަހު، 2017 ގައި އިންވެސްޓްކޮށްފައި ހުރި ފައިސާ އަކީވެސް އޭނާ މަސައްކަތް ކޮށްގެން ހޯދާފައިވާ ހަލާލު ފައިސާކަން ޔަޤީންކުރުމަށްފަހު 2020 ވަނަ އަހަރު ލޯނު އެޕްރޫވް ކޮށްފައިވާ ކަމަށެވެ.

އެހެންވީމާ އަމްރުގެ މިވާހަކައިން އޭނާ ގޯތި ބައްލަވައި ގަތީ ބޭންކުން ލޯނު ނަންގަވައިގެން ކަމަށާއި އަދި އެލޯނު އެޕްރޫވް ކޮށްފައިވަނީވެސް އޭނާ އެސްޓީއޯގެ އެމްޑީ ކަމުގައި ހުންނަވަނިކޮށް ކަމަށްވާތީ މިއީ މަގާމުގެ ނުފޫޒުގެ ބޭނުން ކުރަށްވައިގެން ކުރެއްވި ކަމެއްކަން ސާބިތު ކުރެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އޭގެ އިތުރުން އަމްރު ވިދާޅުވީ، އޭނާ ދުއްވާ ކާރަކީ އެސްޓީއޯގެ ކާރެއް ކަމަށާއި، އޭނާ އަޅާ ގަޑިއަކީ މި ސަރުކާރު އައުމުގެ ކުރިންވެސް އަޅާ ގަޑިއެއް ކަމަށެވެ.

މި ކަހަލަ ވާހަކަތައް އިނގިހުރެވެސް މީހުންގެ އަގު ވައްޓާލަން ލިޔުމަކީ ރަނގަޅުކަމެއް ނޫންކަމަށާއި، ލިޔަން ކޮންމެހެން ބޭނުންނަމަ ގުޅާލާ ސާފު ކޮށްލުމަކީވެސް ނޫސްވެރިކަމުގެ އެއް އަސާސް ކަމަށް އަމްރު ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close