ކޮވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހުން 60 ދުވަހުގެ ތެރޭގައި ކަރަންޓީނުވާކަށް ނުޖެހޭނެ- ރައީސް
ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކަށް ލުއިދޭއިރު ކޯވިޑް ޖެހިފައި ރަނގަޅުވެފައިވާ މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނަކާ ނުލައި އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ކަރަންޓީނުވުމަކާ ނުލައި، ޖުލައި 1 އިން ފެށިގެން 5 ދުވަހަށް ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މީގެއިތުރުން ބުރާސްފަތިދުވަހުން ފެށިގެން ކާފިއު ގަޑިވެސް ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކާފިއު ގަޑި ނޫން ގަޑިތަކުގައި ހުއްދައަކާއި ނުލައި އާއްމުންނަށް ބޭރުގައި އުޅެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކާފިއު ގަޑިތައް ނޫން ވަގުތުތަކުގައި، އާއްމުކޮށް ހުރިހާ ވިޔަފާރިތަކެއް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތައް ހުޅުވައިގެން ކެއުން ބުއިމުގެ ޚިދުމަތް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯވިޑް-19ގެ 2 ޑޯޒް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ލުއިދިނުމާއި ގުޅޭގޮތުން އަަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށެވެ. މިހާތަނަށް ދެޑޯޒް ވެކްސިން ޖެހިފައިވަނީ ސާޅީހަކަށް އިންސައްތަ މީހުންނަށް ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކަށް ދެޑޯޒް ދެވުމުން އެފަރާތްތަކަށް ލުއިތަކެއް ދޭނެކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް މުޅީން ހުޅުވާލައި، ދެކުނު އޭޝިޔާގެ ގައުމުތަކުން ވެސް ވޯކް ވިސާ އޮތް މީހުންނަށް ޖުލައި 1 އިން ފެށިގެން ރާއްޖެއަށް ދަތުރު ކުރެވޭނެ ކަަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ، ކުރިއަށް މިއޮތް ހަފުތާގައި އެ ސަރަހައްދުގެ ކޯވިޑްގެ ހާލަތަށް ބެލުމަށްފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބުރާސްފަތިދުވަހުން ފެށިގެން ދޭ ލުއިތަކުގެ ތެރޭގައި މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތް ހަދައިގެން ނަމާދުކުރުމުގެ ހުއްދަ ދިނުންވެސް ހިމެނެއެވެ.


