މިޝްކާގެ ރިޕޯޓް ލަސްވާ ސަބަބު މިނިސްޓްރީން ބުނެފި
ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ޞިއްހީ ނިޒާމުގެ އިހުމާލު އެބައޮތްތޯ ބެލުމަށް ހަދާ ރިޕޯޓު އަދިވެސް ނުނިމޭތީ ލަސްވާ ސަބަބު ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް ބަލީގައި ކުޑަކުއްޖަކު ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލާގައި ގިނަ ކަންކަން ބަލަން ޖެހުމުގެ ސަބަބުން އިތުރު ވަގުތު ނަގާނެ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ރޭ އިހުމާލުގެ ރިޕޯޓު ހަދައި ނިމޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ ބަޔަކު ތަހުގީގުން ސާފުވާނެ ކަމަށާއި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިޝްކާ ނިޔާވީ މިމަހުގެ އެއްވަނަ ދުވަހު 00.10ކަންހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 31 މެއި ދުވަހުގެ ރޭ 11:45ހާއިރުއެވެ. އެއީ އެމްބިއުލޭންސް ހޯދަން ފުރަތަމަ ގުޅިތާ 9 ގަޑިއިރު ފަހެވެ.
މިޝްކާއަކީ ކޮވިޑް-19ގައި ރާއްޖެއިން މި ދުނިޔެ ދޫކުރި އެންމެ ހަގު ކުއްޖާއެވެ. އަށާރަ އަހަރުން ދަށުގެ އެންމެ ފުރަތަމަ ފުރާނައެވެ.

