ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއްވާކަމަށް ގިނަނޫސްވެރިން ތުހުމަތުކޮށް މިނިސްޓަރު އިސްތިއުފާ ނުދެއްވާނަންތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ، އެކަމާގުޅިގެން އަޅުގަނޑު އިސްތިއުފާ ދޭންޖެހޭނެކަމަށް ޤަބޫލުނުކުރެވޭކަމަށާއި، އިސްތިއުފާދޭންޖެހޭވަރުގެ ކަމެއް ހިނގައިފައިވޭތޯ ބައްލަވާނެކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިޝްކާގެ ހާލު ކުއްލިއަކަށް ގޯސްވެ، ނޭފަތުން ލޭ އައިސް ނޭވާލާން އުނދަގޫވާތީ އެމްބިއުލާންސެއް ފޮނުވައިދިނުމަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެމަޖެންސީ ނަންބަރުގައި އެދުމުން އެމްބިއުލާންސް ފޮނުވީ ދެ ގަޑިއިރާ 10 މިނެޓު ފަހުން ކަމަށް އާއިލާ އިން ބުނެފައިވާއިރު، ކުޑަ ކުއްޖާ ނިޔާވި މައްސަލާގައި އެޓެންޑްކުރި މީހުންގެ އިހުމާލު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ ރޭގެ ޕްރެސްގައި އެއްބަސްވެ ވަޑައިގެންފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި އެތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އެހާދިސާ ހިގަދިޔަ ގޮތުގެ ރިޕޯޓް އާންމުކުރައްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.
މިކަމުގައި އާންމުކުރެވެން ހުރި މައުލޫމާތުތައް އާންމުކުރަމުން ގެންދާނެކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އެކަމުގައި އިހުމާލުއޮތީ އެޓެންޑު ކުރިމީހުންގެ މައްސަލަ ކަމަށް މިނިސްޓަރ ނަސީމު ވިދާޅުވި ނަމަވެސް އެއީ ކިހާ ހިސާބަކުން އެކަމަށް އެޓެންޑްވި ނުވަތަ އެކަމަށް ޖަވާބުދާރީވެ ހަވާލުވި މީހުންނަކީ ކޮންބައެއް ކަމެއް ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ.
ތަހުގީގު ނިމުމުން އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމް ވަނީ ދެއްވާފައެވެ.
“މިކަހަލަ ތަހުގީގަކީ އެތަށް ބަޔަކު އިންވޯލްވާ ކަމެއް، އިލެކްޓްރޯނިކްސް ކަންތައްތަށް ވެސް ދިމާވެފައި ހުންނާނެ. އެކަންތައްތައް އަޅުގަނޑުމެން ބަލަމުން މިގެންދަނީ މިރޭގެ ނިޔަލަށް އެތަހުގީގު ނިއްމޭނެ އަޅުގަނޑުމެންނަށް. ތަހުގީގު ނިއްމާފައި އެމައުލޫމާތުތައް ހިއްސާކުރާނަން، އެކަން ހިގާފައި އޮތް ގޮތާއި ބެހޭގޮތުން. ވަރަށް ހިތާމަވެރި ހާދިސާއެއް މިޝްކާ ނިޔާވާން ދިމާވި ކަންތައްތަކަކީ. މިދައްކަނީ އިހުމާލުވާ ފަރާތްތަކުގެ ވާހަކަ. މިކަން ރަނގަޅަށް ބަލާފައި ނޫނީ އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅެއް ނާޅަން، އެކަށީގެންވާ ވަރަށް ރަނގަޅަށް ހިތްހަމަޖެހޭ ވަރަށް ބަލާފައި ނޫނިއްޔާ އެކަންތައް އަޅުގަނޑުމެންނަށް ކުރެވޭކަން ނޯންނާނެ.” ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ކުޑަކުއްޖާ ނިޔާވި މައްސަލައިގައި މިނިސްޓަރގެ އިހުމާލެއް އޮތްތޯ ބަލަމުންދާ ކަމަށާއި އިހުމާލެއް އޮވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި މިހާހިސާބަށް އައި އިރުވެސް ކޮވިޑް-19 ރެސްޕޮންސްގައި އޮތީ އެންމެ 5 އެމްބިއުލާންސް ކަމަށް ނަސީމް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...