ޚަބަރު

އިސްރާއީލްގެ ޢުދުވާންތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ އިންސާނިއްޔަތާ ޚިލާފު ޢުދުވާންތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިއަދު ރާއްޖެއިން މިގޮތަށް ގޮވާލީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މިބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރެއްވިއެވެ. އަދި ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، މަސްޖިދުލްއަޤްޞާގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާދިނުމާއި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ވިދާޅުވިއެވެ.

އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ސަރަޙައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެދައުލަތް ޤާއިމްކުރުން ކަމަށާއި، އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަންނަންޖެހޭކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އޯ.އައި.ސީގެ ބައްދަލުވުން ނިންމާލާފައިވަނީ ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެޑޮޕްޓްކުރުމަށްފަހުއެވެ. 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ މެދުނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް، “ޓޫ ސްޓޭޓް ސޮލިއުޝަން”އަށް ގޮވާލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close