އިޓާލިއަން ލީގުގައި ރޭ ކުޅެވުނު މެޗުން އެސީމިލާން އަތުން 3-0 ލަނޑުން ބަލިވެ ކުރިއަސްޓިއާނޯ ރޮނަލްޑޯގެ ޔުވެންޓަސް ލީގުގެ 5 ވަނައަށް ވެއްޓިއްޖެއެވެ.
އިޓާލިއަން ލީގުގައި ރޭކުޅެވުނު ފޯރިގަދަ މެޗުތަކަށްފަހު ވަނީ ތާވަލުއަށް ބޮޑަތި ބަދަލުތަކެއް އައިސްފައެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވުނީ ވޭތުވެދިޔަ އަހަރުތަކުގައި މި ލީގުގައި ރަސްކަން ކުރަމުން ގެންދިޔަ ޔުވެންޓަސްއަށް ލީގުގެ ގަދަ 4 ގެއްލުމެވެ. މިވަގުތަށް ލީގުގެ ތާވަލަށް ބަލާލާއިރު ލީގުގެ އެއް ވަނައިގައި ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ އިންޓަ މިލާން އޮތީ 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. 2 ވަނައިގައި އޮތީ ރޭ ޕާމާ އަތުން 5-2 އިން މޮޅުވި އެޓަލަންޓާ އެވެ. އެޓަލަންޓާ އާއި މިލާނަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، އެޓަލަންޓާ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް ޤަވާއިދުންނެވެ. އަނެއްކޮޅުން މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީ ޓޭބަލުގެ ގަދަ 4 ގައި އޮތީ 35 މެޗުން 70 ޕޮއިންޓާ އެކު އެވެ. އަދި ފަސްވަނާގައި އޮތް ޔުވެންޓަސް އަށް 35 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.
މިވަގުތަށް ޕޮއިންޓް ޓޭބަލް މިހެން އޮތްއިރު ލީގުގެ ގަދަ 5 ގައި މިވަގުތު މިއޮތް ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ 3 މެޗު އޮތުމުން ގަދަ 4 އަށް ބަދަލުތަކެއް އައުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ކުޅެވުނު މެޗުގައި އެސީމިލާނަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ބްރާހިމް ޑިއާޒް އާއި އަންޓޭ ރެބިޗް އަދި ފިކާޔޯ ޓޮމޯރީ އެވެ.
ރޭގެ މުޅިމެޗަށް ބަލާއިރުވެސް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މާއެދެވޭ ރަނގަޅުކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...