ޚަބަރު

ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ގިނަވެ އަތޮޅުތެރޭގެ ޙާލަތު މާބޮޑަށް ގޯސްވަނީ

އަތޮޅު ތެރެއިން ގިނަޢަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖެއިން މިއަދު އެކަނިވެސް އިތުރު 465 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެކަމަށް އެޗޕީއޭއިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އަތޮޅުތަކުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން 465 މީހަކު ވަނީ ކޯވިޑް-19 ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 193 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 242 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި ރިސޯޓުތަކުން 25 މީހަކާއި، ސަފާރީތަކުން ޕޮޒިޓިވްވި 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 29،835އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 72 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 24،775މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޢަދަދުވެސް ވަނީ ފަސް ހާހާ ގާތްކޮށްފައެވެ. އެގޮތުން މިހާރުވެސް 4،978 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި 146 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،305 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 73 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 9 ބިދޭސީންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close