ޚަބަރު

ފްރާންސްގެ ވެރިރަށް ޕެރިސް ގައި ފުރަބަންދު އިޢުލާންކޮށްފި

ފްރާންސަށް ކޮވިޑްގެ ނުރައްކާތެރިކަން އިހުނަށްވުރެވެސް ބޮޑަށް ގޯސްވެ ތިންވަނަރާޅެއް އެރުމުގެ ސަބަބުން އެ ޤައުމުގެ ވެރިރަށް ޕެރިސް ހިމެނޭ ގޮތަށް ބައެއް ސަރަޙައްދުތައް ފުރަބަންދު ކޮށްފިއެވެ.

ބީބީސީއާއި ޙަވާލަދީ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ފަރަންސޭސިވިލާތުގައި މިހާތަނަށް 4.18 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 91،679 މީހުންވަނީ މަރުވެފައިވެއެވެ. އެ ޤައުމުގައި ފެތުރެނީ ބަލީގެ ތިންވަނަ ރާޅެއްކަމަށާއި ބަލި ޖެހޭ މީހުންގެ 75 އިންސައްތަ މީހުންނަށް ޖެހިފައިވަނީ ވައިރަހުގެ އައު ވައްތަރުކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ. ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޕެރިހުގެ ކޮންމެ 100،000 މީހަކުން 400 މީހަކަށް ދަނީ ބަލި ޖެހެމުންނެވެ. ފަރަންސޭސިވިލާތުގެ ހަސްފަތާލުތަކުގެ އައިސީޔޫތަކަށްވަނީ ބާރު ބޮޑުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔޯން ކެސްޓެކްސް ވިދާޅުވީ ބަލިމަޑުކަމުގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވަމުންދާކަމަށާއި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ. އެހެންކަމުން މިއީ ފަރަންސޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަންވީ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް އަޅާފައިވާ ފިޔަވަޅުތައް ހަތަރު ހަފުތާގެ މުއްދަތަކަށް ދެމިގެން ދާނެއެވެ. ބޯކޮށާ ތަންތަނާއި އަންނައުނާއި ފަރުނީޗަރު ވިއްކާ ފިހާރަތައް އެ މުއްދަތުގެ ތެރޭގައި ހުންނާނީ ބަންދު ކޮށްފައެވެ. ނަމަވެސް ފޮތް ވިއްކާ ފިހާރަތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތައް ބަންދެއް ނުކުރާނެއެވެ. އައު ފިޔަވަޅުތަކުގެ ދަށުން މަދަރުސާތައްވެސް ބަންދެއް ނުކުރާނެއެވެ. ކަސްރަތުގެ ބޭނުމަށް ނޫންގޮތަކަށް އާންމުންނަށް ބޭރަކަށް ނުނުކުމެވޭނެއެވެ. ޙާލަތު ގޯސްވެފައިވާ ސަރަޙައްދުތަކަށް މުހިންމު ބޭނުމެއް ނެތި ދަތުރުކުރުންވެސް މަނާވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close