ހިތްދަތި ގޮތަކަށް ރޮނަލްޑޯގެ ޔުވެންޓަސް މުބާރާތުން ކަޓައިފި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ކުޅެވުނު މެޗުން ޕޯޗުގަލްގެ ޕޯޓޯ އަތުން ބަލިވެ ކުރިއަސްޓިއާނޯ ރޮނަލްޑޯގެ ޔުވެންޓަސް ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ގަދަ 16 ޓީމުގެ މެދުގައި ކުޅެވޭ ބުރުގައި ރޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް 3-2 އިން ޕޯރޗްގަލްގެ ޕޯޓޯ ބަލިކުރިކަމުގައިވިޔަސް، ޕޯޓޯ ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުން އެ ޓީމު ވަނީ 2-1 އިން މޮޅުވެފައެވެ. މިހެން ކަމުން ޕޯޓޯ އިން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ އެގްރިގޭޓް 4-4 އިން އެއްވަރުކޮށް، ރަށުންބޭރުގައި ޖެހި ގޯލުން ކުރިހޯދައިގެންނެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 19 ވަނަ މިނިޓްގައި ޕޯޓޯ އަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ސާޖިއޯ އޮލިވޭރާ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ޔުވެންޓަސްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އޭރިއާތެރެއިން ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކޮންޓްރޯލް ކޮށްލި ބޯޅައެއް ހޯދައި ފެޑެރީކޯ ޗިއޭސާ އެވެ.
މި މެޗުގައި ޕޯރޓޯގެ ތަރޭމީ އަށް ދެއްކި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކިއެވެ. މެޗުގެ 54 ވަނަ މިނިޓްގައި މި ދެއްކި ރަތްކާޑާއިއެކު ޕޯޓޯގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޔުވެންޓަސް އިން ވަނީ މެޗުގެ 63 ވަނަ މިނިޓްގައި ޗިއޭސާގެ ގޯލުން ލީޑުނަގައިފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޔުވެންޓަސްއިން އިތުރު ގޯލެއް ޖެހުމަށްކުރި ހުރިހާ މަސައްކަތެއް އެޓީމަށްވަނީ ނާކާމިޔާބުވެފައެވެ. މިގޮތުން ރޮނާލްޑޯ ފޮނުވާލި ބޯޅައެއް ބޭރަށް ދިޔައިރު، މެޗުގެ ފަހު ވަގުތު ހުއާން ކުއަޑްރާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ފުރިހަމަ ވަގުތު ހަމަވި އިރު އެގުރިގޭޓް ނަތީޖާ އާއި އަވޭ ގޯލުގެ ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނުއިރު، ފުރަތަމަ ގޯލު ޖެހީ ޕޯޓޯ އިންނެވެ. މެޗުގެ 115 ވަނަ މިނިޓްގައި ޕޯޓޯގެ މިގޯލު ޖަހައިދީފައިވަނީ ހިލޭ ޖެހުމަކުން އޮލިވޭރާއެވެ. ޕޯރޓޯގެ މިގޯލް ޖެހިތާ ދެ މިނިޓް ފަހުން އެޑްރިއަން ރަބިއޯ ވަނީ ބޮލުން ގޯލެއް ޖަހައި ޔުވެންޓަސް އަށް އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު އިތުރު ގޯލެއް ޖަހައި ކުއާޓާ އިން ފުރުސަތު ހޯދަން ކުރި މަސައްކަތް ޔުވެންޓަސް އަށް ކާމިޔާބުނުވެ މުބާރާތުން ކެޓީއެވެ.
މިއީ މި މުބާރާތުގެ ދެވަނަ ބުރުން ޖެހިޖެހިގެން ޔުވެންޓަސް ކަޓައިގެން ދިޔަ ދެވަނަ ފަހަރެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވެސް ޔުވެންޓަސް ކެޓީ ދެ ވަނަ ބުރުންނެވެ. އެ ފަހަރު ފްރާންސްގެ ލިޔޯނުން ޔުވެންޓަސްގެ މައްޗަށް ކުރިހޯދީ ވެސް ރަށުންބޭރުގައި ޖެހި ގޯލުންނެވެ.




