ގްރޭޓާ މާލޭ ސަރަހައްދު މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން އަންގައިފި
މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންކަމުން ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާ މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުގެ މެންދުރު ނަމާދުން ފެށިގެން، ކޮވިޑްގެ ހާލަތަށް ލުޔެއް ލިބެންދެން ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައިދުރުކަމާއެކު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ، ނަމަދުގެ ޖަމާއަތް ހެދުމުގައި ގައިދުރުކުރަން ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށް ވާނެތީ ކަމަށެވެ. ހަމައެއާއެކު މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތް ކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާތީ ކަމަށެވެ.
ހާލަތު ރަނގަޅުވާން ފެށުމުން ކުރިއެކޭ އެއްގޮތަށް ޖަމައަތުގައި ނަމާދު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ވަނީ މިކަމުގައި މާލޭސިޓީ ކައުންސިލުންނާއި، ނަމާދަށް މިސްކިތަށް ދާ މީހުންނާއި އަދި އިމާމުން ވެސް ގިނަ ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މިގޮތުން މިސްކިތަށް ދާމީހުން ގެއިންދާއިރު ވުޟޫކޮށްގެން ދިއުމަށާއި މާސްކު އެޅުމަށާއި އަދި އަމިއްލަ މުސައްލަ ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ގައިދުރުކަން ބެހެއްޓުމާއިއެކު ނަމާދުކޮށް ނިމުމުން އަވަހަށް މިސްކިތުން ފައިބައިގެން ދިއުމަށާއި އަދި މިސްކިތުގައި ހުންނަ ހަތިމުތައް ބޭނުން ނުކުރުމަށް އަންގާފައިވެއެވެ. މުދިމުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ބަންގިއަށް ފަހު ފަސްމިނިޓް ތެރޭގައި ގަމަތް ދިނުމަށާއި ނަމާދުގެ ދިގުމިން 7 މިނިޓަށްވުރެ ދިގު ނުކުރުމަށާއި އަދި ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިހާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވެސް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި އަންގާފައިވެއެވެ.
