މާލޭ ސަރަޙައްދުގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 08:00 އިން ފެށިގެން ހުއްޓައިލަން އަންގައިފި
މާލޭ ސަރަހައްދުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތްދިނުން ރޭގަނޑު 08:00 އިން ފެށިގެން ހުއްޓައިލަން އަންގައިފިއެވެ.
ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު ހާއްސަ އެނގުމެއްގައި ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްްޓާލަންވާނެ ކަމަށެވެ.
ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 10:30 ހަމައަށް ދިނުމުގެ ހުއްދަ ދީފައިވާއިރު މި އަމުރު ތަންފީޒުކުރާނީ މާލެއާއި، ހުޅުމާލެއާއި، ވިލިގިނޔާ، ތިލަފުއްޓާ، އަދި ގުޅީފަޅުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.
ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ފަށައިފައި މިވަނީ، ކޮވިޑް-19 ފެތުރުން ނުހުއްޓި ދުވާލެއްގެތެރޭ ޕޮޒިޓިވުވާ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭތާ އެތައް ދުވަހެއް ވެފައި ވަނިކޮށެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ކޮވިޑް-19ގެ ތިންވަނަ ޕީކާ ގުޅިގެން އެޅި ފިޔަވަޅުތަކުން އެންމެ އެކަށީގެންވާ ނަތީޖާ ނުފެންނަ ކަމަށެވެ.

