ޚަބަރު

އިންޑިއާއިން އިތުރު އެއް ލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި

ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް އިންޑިއާއިން ދިވެހިރާއްޖެއަށް އަނެއްކާވެސް ހަދިޔާކޮށްފި ކަމަށް ސަރުކާރުން ބުނެފިއެވެ.

އޮކްސްފޯޑާއި އެސްޓްރާޒެނެކާއިން ތައްޔާރުކުރާ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމުގެ ރަސްމިއްޔާތު މިއަދު އޮތީ ފޮރިން މިނިސްޓްރީގައި މިއަދު ހަވީރުއެވެ.

މިރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން އެއްލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރެވެ. އަދި ރާއްޖެއިން ވެކްސިނާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ކޮވިޑް-19 އިން ދިފާޢުވުމަށްދޭ ވެކްސިން ރާއްޖެއަށް އެންމެ ފުރަތަމަ ފޯރުކޮށްދިން ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންގެ ފުރަތަމަ 100000 ޑޯޒްގެ ޝިޕްމަންޓް ރާއްޖެއަށް ގެނައީ މިދިޔަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހުއެވެ.

މި ވެކްސިން ރާއްޖޭގައި ބޭނުންކުރަން ފެށީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމުންނެވެ. މިފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ވަނީ މި ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފަ އެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށިތާ 20 ދުވަސް ފާއިތުވެފައިވާއިރު މިހާތަނަށް 64،000 އަށްވުރެ ގިނަ މީހުން ކޮވިޝީލްޑް ވެކްސިން ޖަހައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖޭގައި ދިވެހިންގެ އިތުރަށް ބިދޭސީންނަށްވެސް ވެކްސިން ދިނުމަށްވަނީ ފަށާފައެވެ. މިހާތަނަށް ރާއްޖޭގެ މުޅި އާބާދީގެ %12 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close