ޚަބަރު

އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކުގައި ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންފަށައިފި

ގްރޭޓާމާލޭ ސަރަހައްދުގައި ހަވީރު 6 ފެށިގެން ފަތިހު 6 ކަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު އެވަގުތުތަކުގައި ވެހިކަލް ދުއްވާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މިއަދުން ފެށިގެން، ވަކިގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި ހަވީރު 06:00 އިން ހެނދުނު 06:00 އަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނިންމާފައިވާ ނިންމުން ތަންފީޒް ކުރުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ހަވީރު 06:00 އިން ފަތިހު 06:00 އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިމަހުގެ އެއްވަނަދުވަހު ފެށިގެންވެސް ވަނީ މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަކި ވަގުތަކަށްވަނީ މަނާކޮށްފައެވެ. މިހާތަނަށް މި ވަގުތު އޮތީ ރޭގަނޑު 20:30 ފަތިހު 04:00 އަށެވެ. މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އިތުރުން މާލޭ ސަރަހައްދުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. އެގޮތުން ރޭގަނޑު 11:30 ފަތިހު 04:00 މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަކީ މަޖްބޫރުކަމެއްގެ ގޮތުގައި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލްތަކާއި ޚިލާފުވާ ފަރާތްތަކާއި ދެކޮޅަށް އެއްވެސް އިންޒާރެއް ނަސޭހަތެއް ދިނުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close